އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ)ގެ ދިވެހިރާއްޖޭގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ. މިއާއެކު، 2021ވަނަ އަހަރުން 2024ވަނަ އަހަރަށް އޭއެފްސީގެ މުބާރަތްތައް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ޕީއެސްއެމްއަށް ލިބިގެންދާނެއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އޭއެފްސީން މައިގަނޑު ގޮތެއްގައި ކުރިޔަށްގެންދާ ޤައުމީ އަދި ކްލަބް ފެންވަރުގެ މުބާރާތްތަކުގެ އިތުރުން އޭއެފްސީ އޭޝިއަން ކޮލިފައިން މެޗްތަކާއި، 2023ގައި ޗައިނާގައި ބާއްވާ އޭއެފްސީ އޭޝިއަން ކަޕްގެ މެޗްތަކުގެ އެކްސްލޫސިވް ރައިޓްސް ޕީއެސްއެމްއަށް ލިބޭނެއެވެ. އަދި މީގެ އިތުރުން، އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕްގެ މެޗްތައް ދެއްކުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
އޭއެފްސީގެ ޖެނެރަލް ސެކެޓްރީ ދާތޯ ވިންޑްސަރ ޖޯން ވިދާޅުވީ ފުޓުބޯޅައަކީ ދިވެހިންގެ މެދުގައި މަޤްބޫލު ކުޅިވަރަކަށް ވީއިރު، ދައުލަތުގެ މީޑިއާއަށް މި ފުރުސަތު ދިނުމަކީ ވަރަށް ހިތްހަމަޖެހޭ ނިންމުމެއްކަމަށެވެ. އަދި އޭއެފްސީ އާއިލާއާއި ޕީއެސްއެމް ގުޅުމަށް ޖޯންވަނީ މަރުޙަބާކިޔުއްވާފައެވެ.
މިކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ އޭއެފްސީއާ ފުޓްބޯލް މާކެޓިންގ އޭޝިއާ ގުޅުމަށް ލިބުނު ފުރުސަތުގެ ސަބަބުން އުފާކުރާކަމަށެވެ. އަދި އޭއެފްސީން ބާއްވާ މުބާރާތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިވެހިންނަށް ފުރިހަމައަށް ގެނެސްދޭނޭ ކަމުހެ ޔަޤީންކަންވެސް އާލީ ޚާލިދު ވަނީ ދެއްވާފައެވެ.
އޭއެފްސީއަކީ މި ސަރަޙައްދުގެ އެންމެ ވަރުގަދަ މުބާރާތްތައް ރާވާ ހިންގާ ޖަމިއްޔާއެވެ. މި ޖަމިއްޔާއިން ޤައުމީ އަދި ކްލަބް ފެންވަރުގެ މުބާރާތްތައް މުޅި އަހަރުގެ ތެރޭ ކުރިޔަށްގެންދެއެވެ.