ޚަބަރު

ރައީސްގެ ޚާއްޞަ ޝުކުރު ދަރުމަވެރިންނަށް!


ރާއްޖެ ކޯވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް، ހިލޭސާބަހަށް މަސައްކަތްކުރާ މީހުން ނުވަތަ ދަރުމަވެރިންގެ ހިތްވަރުން ކާމިޔާބު ލިބެމުން އަންނަކަމަށް ވިދާޅުވެ، ކޮވިޑް ޙާލަތުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރަމުން އަންނަ ދަރުމަވެރިންނާއި މީގެކުރިން މަސައްކަތްކޮށްފައިވާ އެފަދަ އެންމެހައި ފަރާތްތަކަށް ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ. ކޯވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރާ ދަރުމަވެރިންނަށް ޝުކުރު އަދާކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ، ކޯވިޑްގެ އެންމެ ދަތި އުނދަގޫ ހާލަތުގައިވެސް އެމީހުން ހިތްވަރާއެކު ބުރަ މަސައްކަތެއް ކޮށްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، ދަރުމަވެރިންގެ ހިތްވަރުން ކޯވިޑުން އަރައިގަނެވެމުން އަންނަކަމަށާ، އެމީހުންގެ މަސައްކަތުގެ އަގު މުޅި ޤައުމަށްވެސް ވަޒަން ނުކުރެވެވޭހާ ބޮޑުކަމަށެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު އެންމެ ގޯސްވީ ފާއިތުވެދިޔަ މަހުއެވެ. ކޯވީޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެގެން ދިއުމާއެކު، ސިއްޙީ ޚިދުމަތްތެރިންނަށް ބުރަ ބޮޑުވެ ސަރުކާރުން ދަރުމައަށް މަސައްކަތްކުރާނެ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލިއެވެ. ކޯވިޑްގެ ޙާލަތާ ގުޅިގެން ދަރުމައަށް މަސައްކަތް ކޮށްދިނުމަށް ހުޅުވާލި ފުރުޞަތާއެކު އެތައްބަޔަކު ތެދުވިއެވެ. މިގޮތުން ދަރުމައަށް މަސައްކަތް ކުރަން ހާހަކަށްވުރެ ގިނަ މީހުން ހުށައެޅިއެވެ.

ކޯވިޑަށް ފަރުވާ ދިނުމަށްޓަކައި ހަދާފައިވާ ކޯވިޑް ފެސިލިޓީތަކާއި، ކޯވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ދަރުމައަށް މަސައްކަތްކުރުމުގައި ހަރަކާތްތެރިވަމުން ދެއެވެ. ކޯވިޑްގެ ކަންކަން ބެލުމަށްޓަކައި ދަރުބާރުގޭގައި އެކުލަވާލަފައިވާ އެޗްއީއޯސީ ޓީމްގައި ބައިވެރިވެގެންވެސް ގިނަ ބަޔަކު މަސައްކަތް ކުރަމުންއާދެއެވެ.

ދަރުމަވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައިވާއިރު، ކޯވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ދަރުމަވެރިންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް މަސައްކަތްކުރައްވާފައިވެއެވެ.