ޚަބަރު

ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނިކޮށް 4 މިލިޔަން މީހުން މަރުވެއްޖެ


ކޯވިޑް-19އަށް ވެކްސިން ހޯދުމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދު 4 މިލިޔަނަށްވުރެ އިތުރުވެއްޖެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުރިން ޙާލަތު ވަރަށް ބޮޑަށް ގޯސްވި އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ޤައުމުތަކުގެ ޙާލަތުވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ނަމަވެސް ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ދަނީ ވަރަށް ގިނަ ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންނެވެ. ޑެލްޓާ ވޭރިއެންޓު އެންމެ ފުރަތަމަ ފެނިފައިވަނީ 2020ވަނަ އަހަރުގެ ފަހުކޮޅު އިންޑިޔާއިންނެވެ.

ކޯވިޑް-19ގެ ސަބަބުން މަރުވާ މީހުންގެ ނިޞްބަތްވެސްވަނީ އިތުރުވާން ފަށައިފައެވެ. އެ ގޮތުން ބަލިމަޑުކަމުގައި މަރުވި 4 މިލިޔަން މީހުންގެ ތެރެއިން ފުރަތަމަ 2 މިލިޔަން މީހުން މަރުވެފައިވަނީ 365އަށްވުރެ ގިނަ ދުވަހުގެ ތެރޭގައެވެ. ނަމަވެސް ޙާލަތު ވަރަށް ބޮޑަށް ގޯސްވެ އެންމެ ފަހުން މަރުވި 2 މިލިޔަން މީހުން މަރުވެފައިވަނީ 166 ދުވަހުގެ ތެރޭގައެވެ.

ބަލިމަޑުކަމުގައި މަރުވި މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވެފައިވަނީ އެމެރިކާއާއި ބުރެޒިލާއި އިންޑިޔާއާއި ރަޝިޔާއާއި މެކްސިކޯއިންނެވެ. އަދި އާބާދީގެ ނިޞްބަތުން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޕެރޫއާއި ހަންގޭރީއާއި ބޮސްނިޔާއާއި ޗެކް ރިޕަބުލިކާއި ޖިބުރޮލްޓާއިންނެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 މިހާރު ފެތުރެނީ ދެކުނު އެމެރިކާގެ ޤައުމުތަކުގައެވެ. އެ ގޮތުން ދުނިޔޭގައި ކޯވިޑް-19 ޖެހޭ ކޮންމެ 100 މީހުންގެ ތެރެއިން 43 މީހުންނަށް ބަލިޖެހިފައިވަނީ ދެކުނު އެމެރިކާއިންނެވެ.