ޚަބަރު

ޔަހޫދީ ފައުޖުތަކުން އަނެއްކާވެސް ޣައްޒާއަށް ޙަމަލާދީފި


އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުން އަނެއްކާވެސް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާތަކެއް ދީފިއެވެ. މިއީ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއެކު ވަގުތީ ގޮތުން ޞުލްޙަ ޤާއިމުކޮށް، ޙަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން ދޭ ދެވަނަ ޙަމަލާއެވެ.

މިދިޔަ މެއި މަހުގެ 10ން 21އަށް ޔަހޫދީ ފައުޖުތަކާއި ޙަމާސާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓާލިފަހުން ގާތްގަނޑަކަށް އެއް މަސް ދުވަސް ފާއިތުވުމަށްފަހު އިސްރާއީލުންވަނީ ޣައްޒާއަށް އަމާޒުކޮށް އަނެއްކާވެސް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. ޖޫން މަހުގެ 16ވަނަ ދުވަހު އެ ޙަމަލާތައް ދީފައިވަނީ 1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާ ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމާގައި އިރުމަތީ ޤުދުސް އިސްތިޢުމާރު ކުރިކުރުން ފާހަގަކުރުމުގެ ގޮތުން ހައްދުފަހަނައަޅާފައިވާ ޔަހޫދީން އެ ސަރަޙައްދުގައި ހިނގާލުމެއް ބާއްވައި ފަލަސްޠީނުގެ ރައްޔިތުން މަރާއި އެ މީހުންގެ އަވަށްތައް އަންދަން ގޮވާލާފައިވަނިކޮށެވެ.

އޭގެ ފަހުން އިސްރާއީލުން ފަލަސްޠީނަށް އަމާޒުކޮށް ޖޫން މަހުގެ 17ވަނަ ދުވަހު ދީފައިވާ އެންމެ ފަހުގެ ޙަމަލާތަކުގައި ޣައްޒާގައި ޙަރަކާތްތެރިވާ ޙަމާސް ޖަމާޢަތުގެ މަޤާމުތަކަށްވަނީ މިސައިލު ޙަމަލާތައް ދީފައެވެ. އޭގެ އިތުރުން މަދަނީ ޚިދުމަތްތަށްދޭ އިމާރާތަކަށާއި ކާނާ ހައްދާ ދަނޑުތަކަށްވެސް ޙަމަލާތައް އަމާޒުކޮށްފައިވެއެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް އެނގިފައެއް ނުވެއެވެ.

އިސްރާއީލުން ދިން ޙަމަލާތަކުގެ ރައްދެއްގެ ގޮތުގައި މެޝިން ގަން ބޭނުންކޮށްގެން ޙަމާސުންވަނީ އިސްރާއީލަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނީ ޖޫން މަހުގެ 13ވަނަ ދުވަހު ވެރިކަމަށް އައި އިސްރާއީލުގެ އައު ސަރުކާރުން އަނެއްކާވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށާފައިވަނީ އެމީހުންގެ ބާރު ދެއްކުމަށްކަމަށެވެ. އަދި ޤައުމާއި ރައްޔިތުންނާއި އެންމެހާ މުގައްދަސް ބިންތަކުގެ ދިފާޢުގައި ޙަމާސުން ޙަރަކާތްތެރިވާނެކަމަށް އެ ޖަމާޢަތުން ބުނެއެވެ.

އިސްރާއީލުން ބުނީ ޙަމާސްގެ އަސްކަރީ ގާބިލުކަން ނައްތާލުމުގައި އެ ޤައުމުގެ ޔަހޫދީ ފައުޖުތަކުން ދެމިތިބޭނެކަމަށެވެ