ޚަބަރު

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހުޅުމާލޭގައި އެތައް މަޝްރޫޢެއް


ހުޅުމާލެއަކީ ޒަމާނީ ތަރައްޤީގެ ބޮޑު މަންޒަރަކާއެކު ސަރުކާރުން ތަރައްޤީކުރާ ރަށެކެވެ. 250 ފްލެޓާއެކު 2004 ވަނަ އަހަރު ހުޅުމާލޭގައި ފުރަތަމަ އާބާދުވެފައިވަނީ އެންމެ 100 މީހުންނެވެ. އޭގެ 17 އަހަރުފަހުން ބައިލައްކައަށްވުރެ ގިނަ މީހުން އެތަނުގައި ވަޒަންވެރިވެފައިވާއިރު ހުޅުމާލެއަކީ ގެދޮރުވެރިކުރުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ހިއްހި ސަހަރެކެވެ. މިހާރުވެސް ހުޅުމާލޭގައި ބޯހިޔަވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. އަދި ސަރުކާރުން އެކި ފަރާތްތަކާއި ޙަވާލުކޮށްގެން އަދި ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. މީގެތެރެއިން އެޗްޑީސީން އަންނަނީ މިހާރުވެސް ތަފާތު 5 މަޝްރޫޢެއް ހިންގަމުންނެވެ.

މިކްސްޑް ރެޒިޑެންޝިއަލް

ހުޅުމާލޭގައި މިކްސްޑް ރެޒިޑެންޝަލްގެ 355 ފްލެޓު އެޅުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މިމަޝްރޫޢުގައި މިދިޔަ އަހަރު 4 ފަރާތަކާ މަޝްވަރާކުރެވި މިހާރު 2 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިއީ އަގުގެ 60 އިންސައްތަ ކޮންޓްރޯލްކުރެވިގެން ހަދާ ތަންތަންކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިކްސްޑް ރެޒިޑެންޝަލްތަކުގެ ގޮތުގައި ތަރައްޤީކުރާ މިފުލެޓުތަކަކީ 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓްތައްކަމަށާއި މިތަންތަން ވިއްކުމަށް ހަމަޖެހިފައިވަނީ 1.8 މިލިއަން ރުފިޔާއަށްކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.

ލޯކަލް ޑިވެލޮޕަރސް ޕްރޮޖެކްޓް

ދިވެހި ޑިވެލޮޕަރުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި ޕްރޮޖެކްޓަށް 11 ފަރާތަކުން ކުރިމަތިލާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިމަޝްރޫއުގައި މިހާރު ކުރިއަށްދަނީ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތްކަމަށާއި ހޮވޭ ފަރާތްތަކަށް އެކަން އަންގާ މަސައްކަތް އަވަސްކުރުމަށް މަސައްކަތްކުރާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ވިނަރެސް ހައުސިންގ

ވިނަރެސް ހައުސިންގއަކީ 4 ގިންތިއެއްގެ މައްޗަށް އެކުލެވޭ 3 ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ. މީގެތެރޭގައި ހިމެނެނީ މެރީނާ ވިއު، އައުޓަރ ވިއު، އިނަރ ވިއު އަދި ސްޓޭންޑަރޑް ވިއު ފްލެޓްތަކެވެ. ޖުމްލަ 1344 ފްލެޓު އެޅުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާއިރު ޢަމަލީ މަސައްކަތުގެ ތެރެއިން 45 އިންސައްތަ ވަނީ އެއްކޮށް ނިމިފައިކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި އަންނަ ޖުލައިމަހު މިފުލެޓުތައް ވިއްކުމަށް ހުޅުވާލާނެކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ. މިފްލެޓުތަކުގެ އަގުތައް މިހާރު ހާމަކޮށްފައިވާއިރު އަގުތައް އުޅެނީ 2.7 މިލިއަނާއި 2.5 މިލިއަނާ ދެމެދުގެ ރޭންޖެއްގައެވެ.

ރީތި ގަސް ހައުސިންގ ޕްރޮޖެކްޓް

އެއްކޮޓަރި، ދެކޮޓަރި، ތިން ކޮޓަރީގެ އިތުރުން 4 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ 459 ފްލެޓު މީގެތެރޭގައި ހިމެނޭކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިމަޝްރޫޢުގެ މަސައްކަތް ކޯވިޑާއި ގުޅިގެން ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތުމަށްފަހު އަލުން ފަށައިގެން ކުރިއަށްދާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މި މަޝްރޫޢު ކުރިއަށްދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ.

ފަހި ދިރިއުޅުން ޕްރޮޖެކްޓް

ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު އިތުރު 6000 ފްލެޓު އެޅުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން މިހާރު މީގެތެރެއިން 4000 ޔުނިޓު އެޅުމަށް ބޭނުންވާ ބިން ހަމަޖެހިފައިވާ ކަމަށާއި ބާކީ 2000 ޔުނިޓު އެޅުމަށް ބޭނުންވާ ބިން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ރައްޔިތުން ގެދޮރުވެރިކުރުވުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެގޮތުން މިހާރުވެސް ގިނަ މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށް އެބަގެންދެއެވެ. މީގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި 5000 ހައުސިންގ ޔުނިޓުގެ ތެރެއިން 1000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި ވަރަށް އަވަހަށް ބާކީ 4000 ޔުނިޓުގެ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން މާލޭގެ ރައްޔިތުން ގެދޮރުވެރިކުރުވުމަށް ބަނޑޭރި ކޮށީގައި ފްލެޓު އެޅުމުގެ ތަސައްވުރެއްވެސް ސަރުކާރުގެ އެބައޮތެވެ.

ހަމައެއާއެކު ރަށްރަށުގެ ރައްޔިތުންނަށްޓަކާ ގެދޮރުވެރިޔާ ލޯން ސްކީމް އާއެކު 700000 ރުފިޔާއާއި ހަމައަށް އިންޓްރެސްޓު ކުޑަ ލޯނުތަކެއް ތަޢާރަފްކޮށް ގެދޮރުއެޅުމަށާއި މަރާމާތު ކުރެވޭނެ މަގުވަނީ ހުޅުވާލާފައެވެ. މީގެއިތުރުން މީގެކުރިން އަޅާފައިވާ ފްލެޓުތަކުގެ ކަންކަން އަލުން ވިލަރެސްކުރުމަށްފަހު ރައްޔިތުންނަށް ވީހާވެސް އަވަހަށް އެތަންތަނަށް ވަދެވޭނެ ފުރުސަތު ދިނުމަށްވެސް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.