ޚަބަރު

ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް އިތުވެފައި


އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން މިއަހަރު އެންމެ ގިނައިން ބެލިފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައްކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ.އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކަނިވެސް، ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 264 މައްސަލައެއް އެކޮމިޝަނުން ބައްލަވާ ނިންމަވާފައިވެއެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ބަލާއިރު ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 143 މައްސަލަ ނިންމާފައިވާއިރު، 2 ވަނަ ކުއާޓަރުގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 121 މައްސަލަ ނިންމާފައިވެއެވެ.އެކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމަވާފައިވަނީ ޤަވާއިދާ ޚިލާފުވުމުގެ މައްސަލަތަކެވެ. އެގޮތުން ގަވާއިދާ ޚިލާފުވުމުގެ 172 މައްސަލައެއް ނިންމާފައިވެއެވެ. އަދި ފުރަތަމަ ކުއާޓަރުގައި ގަވާއިދާ ޚިލާފުވުމުގެ 75 މައްސަލައެއް ނިންމާފައިވާއިރު، 2 ވަނަ ކުއާޓަރުގައި މިފަދަ 97 މައްސަލަ ނިންމާފައިވެއެވެ.މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ އޭސީސީން ދެން އެންމެ ގިނައިން ނިންމަވާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. އެގޮތުން ނާޖާއިޒު ފައިދާ ހޯދުމުގެ 104 މައްސަލައެއް ނިންމާފައިވެއެވެ. އަދި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ 40 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ 35 މައްސަލައަކާއި ރިޝްވަތުގެ 7 މައްސަލައަކާއި އަދި ދޮގު މަޢުލޫމާތު ދިނުމާއި ހެކި ފޮރުވުމުގެ ޖުމްލަ 13 މައްސަލައެއް ވެސް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން ބައްލަވާ ނިންމަވާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.