ކުޅިވަރު

ނޯތު މެސަޑޯނިއާ ބަލިކޮށް ޔޫކްރެއިން އުންމީދު އާކޮށްފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނޯތު މެސެޑޯނިއާގެ ބަލިކޮށް ޔޫކްރެއިންއިން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.

މިރޭ ކުޅުނު މެޗް ޔޫކްރެއިން ކާމިޔާބުކޮށްފައިވަނީ ނޯތު މެސެޑޯނިއާފެ މައްޗަށް 2 ލަނޑު 1 ލަނޑުން ކުރި ހޯދައިގެންނެވެ. ޔޫކްރެއިންއިން މުބާރާތުގައި ކުރިއަށް ދިއުމަށް އުއްމީދު އާކޮށްފައިވާއިރު، އެޓީމް ކުޅުނު ފުރަތަމަ މެޗްގައި ނެދަލެންޑްސް އަތުންވަނީ ބަލިވެފައެވެ. މިމުބާރާތުގައި އަލަށް ވާދަކުރާ ނޯތު މެސެޑޯނިއާއިންވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗްގައި އޮސްޓްރިއާ އަތުން ބަލިވެފައެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓްއާއެކު ޔޫތްރެއިން އޮތީ ގުރޫޕްގެ ތިންވަނައިގައެވެ.

ރުމޭނިއާގެ ނެޝަނަލް އެރީނާގައި ކުޅުނު މިމެޗްގެ ފުރަތަ ހާފްގެ ކުރީކޮޅުގައި ޔޫކްރެއިންއިން ބޯޅަ ހިފައްހައްޓައިގެން ނޯތު މެސެޑޯނިއާގެ އޭރިޔާގެ ތެރޭގައި ހަމަލާތަށް އުފެއްދުމަށް މަސައްކަތް ކުރަމުންދިޔައެވެ. ޔޫކްރެއިން އުފައްދަމުންދިޔަ ހަމަލާތަކާއެކު އެޓީމްވަނީ މެޗްގެ 29ވަނަ މިނެޓްގައި ލަނޑެއްޖަހާ މެޗްގައި ލިޑް ނަގާފައެވެ. މިލަނޑު ޔޫކްރެއިންއަށް ކާމިޔާބުކޮށްދިނީ ޔޫކްރެއިންގެ ކެޕްޓަން އެންޑީ ޔާމޮލެންކޯއެވެ. ޔާމޮލެންކޯ ފޮނުވާލީ ބޯޅަ ގޯލް ތެރެއަށް ވަދެވައިވަނީ ނޯތު މެސަޑޯނިއާގެ ކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީ ފައިގައި ޖެހިފައެވެ.

މެޗްގައި ނޯތު މެސެޑޯނިއާއަށް ހިންދެމި ނުލެވެނީސް ޔޫކްރެއިންވަނީ އިތުރު ލަނޑެއް ޖަހާ ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ޔަރެމްޗުކްއެވެ. މެޗްގެ 38ވަނަ މިނެޓްގައި ނޯތު މެސެޑޯނިއާގެ ކެޕްޓަން ގޯރާން ޕާންޑޭވް ޖެހި ގޯލް ބަލައި ނުގަތީ އޭނާ އޮފްސައިޑްގައި ހުރުމުންނެވެ.

ބަދަލްތަކާއިއެކު މެޗްގެ ދެވަނަ ހާފްގައި ނޯތު މެސަޑޯނިއާއިން ކުޅުން ރަގަނޅު ކުރިއެވެ. އަދި ޔޫކްރެއިންގެ ގޯލްއަށް ނުރައްކާވެސް ކުރަން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗްގެ 55ވަނަ މިނެޓްގައި ނޯތު މެސަޑޯނިއާއިންވަނީ ލަނޑެއްޖަހާ ހިއްވަރު އާކޮށްފައެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަލިއޯސްކީއެވެ. އަލިއޯސްކީ މިގޯލް ޖަހާފައިވަނީ ލިބުނު ޕެނަލްޓީ ފޮނުވާލި ނަމަވެސް ޔޫކްރެއިންގެ ކީޕަރު ދިފާއުކުރި ބޯޅަ ގޯލް ތެރެއަށް ވައްދާލައިގެންނެވެ.

މިމެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށްވެސް ނޯތު މެސެޑޯނިއާގެ ކުޅުންތެރިންނަށް ފުރުސަތު ލިބުނެވެ. ނަމަވެސް އެކުޅުންތެރިންނަށްވަނީ އެފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ. މެޗްގައި ލީޑް އިތުރަށް ފުޅާކުރުމަށް ޔޫކްރެއިންއަށް މެޗްގެ 85ވަނަ މިނެތްގައި ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ރުސްލާން މަލިނޯވްސްކީ ފޮނުވާލި ޕެނަލްޓީވަނީ ނޯތު މެސަޑޯނިއާގެ ކީޕަރު ޑިމިޓްރިޓްރިއޭވްސްކީ މަތަކޮށްފައެވެ.