ޚަބަރު

ޕުޓިންނަށް އަވިއައިނެއް، ޖޮންސަންނަށް ލިބިވަޑައިގަތީ ބައިސްކަލެއް


ފާއިތުވި ހަފުތާގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ދުނިޔޭގެ ނުފޫޒުގަދަ ގިނަ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އިނގިރޭސިވިލާތުގައި ބޭއްވި ޖީ7ގެ ބައްދަލުވުމުގައި ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު އޮންނަ ހަތް ޤައުމުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތާވެސް އެ މަނިކުފާނުވަނީ ބައްދަލުކުރައްވައިފައެވެ. އޭގެ ފަހުން އެ މަނިކުފާނުވަނީ ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާވެސް ބައްދަލުކުރައްވައިފައެވެ.

އެފަދަ ޚާރިޖީ ބައްދަލުވުންތަކުގައި ޤައުމުތަކުގެ އިސްވެރިން ގުޅުން ބަދަހިކުރުމުގެ ރޫޙުގައި ހަދިޔާ ބަދަލުކުރައްވައެވެ. އެ ގޮތުން ބައިޑަންވެސްވަނީ ތަފާތު މެސެޖުތައް ދެއްވުމަށް ޤައުމުތަކުގެ އިސްވެރިންނަށް ހަދިޔާތައް ދެއްވައިފައެވެ.

އެ ގޮތުން ހަދިޔާއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނަށް ބައިޑަން ދެއްވީ ޚާއްޞަކޮށް ފަރުމާކޮށްފައިވާ ބައިސްކަލެކެވެ. އާންމުކޮށް 18 މަސް ދުވަހުން ފަރުމާކުރެވޭ އެ ބައިސްކަލު އެމެރިކާގެ ފިލަޑެލްފިޔާގެ ކުންފުންޏެއްކަމަށްވާ ބިލެންކީ ސައިކަލް ވޯކްސުން ނިންމާދީފައިވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައެވެ. މެއި މަހުގެ 23ވަނަ ދުވަހު އެ ކުންފުންޏަށް އެ މަސައްކަތް ޙަވާލުކޮށްފައިވަނީ 1،500 އެމެރިކާ ޑޮލަރަށެވެ. އެއީ ޢާންމުކޮށް އެ ކުންފުނިން ބައިސްކަލު ފަރުމާކޮށްދޭ އަގަށްވުރެ ތިންބައިކުޅަ އެއްބައި ކުޑަ އަގެކެވެ. އެ ކުންފުނިން ބުނީ އެ އަގަށް އެ ބައިސްކަލު ފަރުމާކޮށްދިނީ އެ ކުންފުނި އިޝްތިހާރުކުރުމުގެ މަޤްޞަދުގައިކަމަށެވެ. ޢާންމު ގޮތެއްގައި އެ ކުންފުނިން އޭގެ ބައިސްކަލެއް ފަރުމާކޮށްދެނީ 6،000 އެމެރިކާ ޑޮލަރަށެވެ. އެ ބައިސްކަލުގައި ޖައްސާފައިވަނީ ދެ ޤައުމުގެ ޤައުމީ ދިދައިގައި ހުންނަ ނޫ ކުލައާއި ރަތް ކުލައާއި ހުދު ކުލައެވެ. ބައިސްކަލު ދުއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ޖޮންސަން އެ ހަދިޔާގެ ބަދަލުގައި ބައިޑަނަށް ދެއްވާފައިވަނީ އަޅުންގެންގުޅުމާ ދެކޮޅަށް މަސައްކަތްކުރި އެމެރިކާގެ ކުރީގެ އަޅެއްކަމަށްވާ ފުރެޑުރިކް ޑަގުލަސްގެ ކުރެހުމެކެވެ.

ހަދިޔާއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ބައިޑަން ދެއްވި ޚާއްޞަކޮށް ފަރުމާކޮށްފައިވާ ބައިސްކަލެއް

އޭގެ ފަހުން ސްވިޓުޒަލެންޑުގެ ޖެނީވާގައި ޕުޓިންނާ ބައްދަލުކުރައްވައި ހަދިޔާއެއްގެ ގޮތުގައި ބައިޑަން ދެއްވީ ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އޭވިއޭޓަރު އަވިއައިނެކެވެ. ބައިޑަންނަކީވެސް އެ ވައްތަރުގެ އަވިއައިނަށް ވަރަށް ލޯބިކުރައްވައި ބޭފުޅެކެވެ. ރެންޑޮލްފު ޔޫއެސްއޭއިން ތައްޔާރުކޮށްފައިވާ އެ އަވިއައިނަކީ 1978ވަނަ އަހަރުގެ ތެރޭގައި ރެންޑޮލްފު ކުންފުންޏާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ހަނގުރާމަމަތީ މަތިންދާބޯޓު ދެއްވާ ޕައިލެޓުންނަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އަވިއައިނެކެވެ.

އަވިއައިނުގެ އިތުރުން ކުރިސްޓަލުން ހަދާފައިވާ ބައިސަންގެ ބުދެއްވެސް ބައިޑަންވަނީ ޕުޓިންނަށް ހަދިޔާކުރައްވައިފައެވެ. ގެރި ޢާއިލާއަށް ނިޞްބަތްވާ ބައިސަނަކީ އެމެރިކާގައި ދިރިއުޅޭ އެންމެ ޚާއްޞަ ޖަނަވާރުކަމަށާއި އެ ޖަނަވާރުން ރަމުޒުކޮށްދެނީ ވަރުގަދަކަމާއި ގުޅިގެން މަސައްކަތްކުރުމާއި ގަދައަޅައި މަސައްކަތްކުރުންކަމަށް އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓު ހައުސުން ބުނެއެވެ.