ޚަބަރު

ކުދި ވިޔަފާރިތަކަށް ޚާއްސަ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


ސަރުކާރުން އިއުލާންކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައު އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

މި ލޯނު ސްކީމްއަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސަރުކާރުން އިޢުލާން ކުރެއްވި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތަޢާރަފްކޮށްފައިވާ ލޯން ސްކީމެކެވެ. މި ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހަޅާ ފޯމުތައް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަލައިގަންނާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ބީއެމްއެލްއިން ވިދާޅުވީ ކޯވިޑް-19، އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް އެދި ލޯނަށް ހުށަހެޅޭނެކަމަށެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކުރުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ހުޅުވާލައިފައިވާ ސްކީމެއްކަމަށެވެ. މި ލޯނު ދޫކުރާނީ ރަހުނަކާ ނުލައި %6 އިންޓަރެސްޓް ރޭޓުގައި، 4 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އަދި ލޯނު ދެއްކުމަށް ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.

މި ލޯނު ދޫކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ހީނަރުކަމަށް ޙައްލެއް ގެނައުމަށް އެހީތެރިވުމެވެ. ކޯވިޑް19 ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ "ކޯވިޑް19 ރިކަވަރީ ލޯނު ސްކީމް"ގެ ނަމުގައިވެސް ލޯނު ދޫކޮށްފައެވެ. މި ލޯނުތައް އެސްއެމްއީ ބޭންކާއި ބީއެމްއެލް މެދުވެރިކޮށްވެސް ދޫކުރިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހުގެ ނިޔަލަށް "ކޯވިޑް19 ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން ބޮޑެތި ވިޔަފާރިތަކަށް 585.9 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ ޖުމްލަ 419 ވިޔަފާރިއަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދެވެ.

އެސްއެމްއީ ބޭންކް މެދުވެރިކޮށް ކުދި ފަންތިއާއި މެދުފަންތީގެ 1453 ވިޔަފާރިއަކަށް 341.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އަމިއްލަ މަސައްކަތްކުރާ 661 ފަރާތަކަށް 19.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ކޯވިޑާއި ގުޅިގެން އެސްއެމްއީ ބޭންކާއި ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ދެއްކުމުގެ މުއްދަތުވެސް އެކި ފަހަރެއްގެ މަތިން ފަސްކޮށްދީފައެވެ.