ޚަބަރު

" ހަމީދުގެ ޝަޚްސިއްޔަތުގެ ތަޅުދަނޑިއަކީ، އެމަނިކުފާނުގެ އަޒުމް "


މަރްޚޫމް
އަލްއުސްތާޒް ޢަބްދުﷲ ހަމީދުގެ ޝަހްސިއްޔަތުގެ ތަޅުދަނޑިއަކީ ކޮންމެ ކަމެއްވެސް
އެކަމެއް ކުރަން އޮންނަ އެންމެ ފުރިހަމަގޮތުގައި ކުރެއްވޭތޯ ބެއްލެވުމުގެ ޢަޒުމްކަމަށް
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.



ކުރީގެ ރައީސް
މައުމޫން މިހެން ވިދާޅުވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރުޚޫމް
އަލްއުސްތާޒް ޢަބްދުﷲ ހަމީދުގެ ހަނދާނުގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ވާހަކަފުޅު
ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިޖަލްސާގައިވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި މަރުޚޫމް ޢަބްދުﷲ ހަމީދުގެ ބޭބޭފުޅު އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވީ، ޢަބްދުﷲ ހަމީދަކީ ދިވެހި ޤައުމަށް އިޚްލާސްތެރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށާއި އެމަނިކުފާނަކީ ދިވެހި ޤައުމަށް ގެއްލިގެންދިޔަ އަގުބޮޑު ޖަވާހިރެއްކަމަށެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ހުރިހާ ދުވަސްވަރެއްގައިވެސް މަރުޚޫމް ހަމީދު، ސަރުކާރުގެ އެކިއެކި މަޤާމްތައް ފުރުއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ހަމީދު އާއި އެކު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވިކަމަށާއި އެދަތުރުފުޅުގައި ތަކުގައި ފެނިގެންދިޔައީ ހަމީދުގެ މުރާލި ކަމާއި ހީވާގިކަން ކަމަށެވެ.

"އަޅުގަނޑު އެއްވާހަކައެއް ދަންނަވާލާނަން، ރައީސުލްޖުމްހޫރިއްޔާގެ އިޒްނަފުޅާއެކު. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސްކަމަށް ވޑައިގެންނެވުމުގެ ކުރިން އެހެން މަޤާމެއްގައި ހުންނެވިއިރު، އަލްއުސްތާޛު ޢަބްދުﷲ ހަމީދާއެކު ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެންނެވި. އެއްދަތުރަށްފަހު ޔާމީން ވަޑައިގެން ވިދާޅުވީ ތުއްދޮންބޭ ކުޑަބެ އެގޮތަށް މިހާގަދާގައި ދަތުރުކުރެއްވިޔަ ނުދެއްވާށޭ. ވަރަށް ގަދަދުވަސްވަރެއް އެއީ. އޭރު ޙަމީދުގެ އުމުރުފުޅުން އެހާ ޒުވާނެއްނޫން. ގަދާގައި ދަތުރުކުރެއްވީމަ ހަމީދުގެ ސިއްޙަތަށް ލިބިދާނެ ގެއްލުމަށްޓަކައި ޔާމީން އެވާހަކަ ވިދާޅުވީ. މިކަމުންވެސް މިދައްކައިދެނީ އެކަހަލަ ކަމަކަށްވެސް ބެލުމެއްނެތި އެއަދާކުރައްވާކަމެއް ފުރިހަމައަށް ކުރއްވުމަށް ހަމީދު މަސައްކަތްޕުޅު ކުރައްވާކަން"- މައުމޫން ވިދާޅުވިއެވެ.

މިޖަލްސާގައި ވަނީ މަރުޚޫމް ޢަބްދުﷲ ހަމީދުގެ ހަނދާނުގައި ދިވެހި ބަހުގެ އެކަޑަމީން ތައްޔާރުކުރި ފޮތްތަކާއި، ހަމީދުގެ ތަޤްރީރުތައް ހިމެނޭ ގޮތައް ޕަބްލިކް ސާވިސް މީޑިޔާ ޕީއެސްއެމުން ތައްޔާރުކުރި ސީޑީ އާއިލާއާއި ހަވާލުކޮށްދެއްވާފައެވެ. މި ފޮތްތަކާއި ސީޑީ ހަމީދުގެ އާއިލާއާއި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

މިޖަލްސާގައި އަލްއުސްތާޛު ޢަބްދުﷲ ހަމީދުގެ ތިން ބޭފުޅުން، އެބޭފުޅުންގެ ބައްޕާފުޅުގެ ހަނދާންއާކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

"އަޅުގަނޑުމެންގެ އާއިލާއަކީ މަންމައާއއި ބައްޕަގެ ފުރިހަމަ ތަރުބިއްޔަތާއި އުފާވެރި ހިޔަލުގެ ނަސީބު ލިބިފައިވާ އާއިލާއެއް. ތައުލީމާއި ހުނަރު ލިބިފައިވާ އިޖްތިމާޢީ އަދި ޤައުމީ ޚިދުމަތަށް އިސްކަން ދިނުމުގެ ލިބިފައިވާ ބައެއް. ބައްޕަ ދެއްވި އެންމެ ބޮޑު ތަރިކައަކީ ތަފާތު އެތައް ދާއިރާއެއްގައި ހަރަކާތްތެރިވުމުގެ ފުރުސަތު" - ހަމްދޫން ހަމީދު ވިދާޅުވިއެވެ.

"ޝަކުވާއެއްނެތި ކެތްތެރިކަމާއެކު ވޭތުކުރަމުންދިޔަ ދުވަސްތައް ބަނަވެގެންދިޔައީ ދެއަހަރުތެރޭ މަންމައާއި ކޮއްކޮ ފާތިން އަޅުގަނޑުމެންނާ ވަކިވުމުން. ލިބިވަޑައިގެންނެވި ހިތްދަތިކަމުގައި ސިއްޙީ ހާލުކޮޅު ދަށަށް ދިއުމުން އަދަބީ މަސައްކަތްތުގެ ޖޯޝް ގެއްލުނު"- ހާލާ ހަމީދު

"އަޅުގަނޑުމެންގެ ބައްޕަ އަށަގެންނެވި ޚިޔާލާއި ނަޒަރިއްޔާތު އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރުގައި ލެހެއްޓެވުމާއި، އެދިއްލާލާދެއްވި ވަފާތެރިކާއި އިޚުލާސްތެރިކަމުގެ އަލިކަން އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންގެ ހިތްތަކުގައި ލެހެއްޓެވުމަށް ދުއާކުރަން" – ޝައްމޫން ހަމީދު

މިޖަލްސާގައި މަރުޚޫމް ޙަމީދުގެ ހިދުމަތްތަކާ ބެހޭ ގޮތުން އެމަނިކުފާނާއެކު މަސައްކަތްކުރެއްވި ބައެއް ބޭފުޅުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

"މަޖިލިސް ތެރެއިން އަޅުގަނޑަށް ފެނިފައެބަހުރި ހަމީދު މީހުން އުފައްދާފައި ހުރިތަން. މިވާހަކަ މީގެކުރިން އެއްވެސް ޖަލްސާއެއްގައި އަޅުގަނޑު ނުދަންނަވަން. އަޅުގަނޑަށް ފެނިގެން މަޖިލީހުގައި ބޭފުޅުންނަށް ވާހަކަދައްކަވާ، ބޭރަށް ފޮނުވައިގެން މީހުން އުފައްދަވާފައި"– ސީނާ ޒާހިރު ވިދާޅުވިއެވެ.

"ހަމީދު ވަޑާއިގަންވާ ރަށްރަށުގެ އެންމެން ހިތްޕުޅޫން އެނގިވަޑައިގަންނަވާނެ، ނަންތައް އެނގިވަޑައިގަންނަވާނެ. ބަލިމީހަކު ހުރިއްޔާ އިނގޭނެ. އެތަނަށް ވަޑައިގަންނަވާނެ"- އުތީމް އާދަމް އަބްދުއްރަހީމް

މިޖަލްސާއަކީ ދިވެހި ބަހުގެ އެކަޑަމީން އިސްނަގައިގެން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވަނީ މަރުހޫމް އަބްދުﷲ ހަމީދު، ދިވެހި އަދަބިއްޔާތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް ވާހަކަފުޅުދައްކަވާފައެވެ.



މިޖަލްސާގައި ޙަމީދުގެ ޚިދުމަތްތަކާބެހޭގޮތުން ޝާއިރުން ހައްދަވާފައިވާ ބައެއް ޅެންތައް ވަނީ ހުށައަޅާދީފައެވެ.