ވިޔަފާރި

ގެސްޓު ހައުސްތަކަށް ބޮޑު ލުޔެއް؛ ބިލުތައް ބަހާލައިގެން ދެއްކޭނެ


ގެސްޓު ހައުސްތަކުން ފެނަކައަށް ދައްކަންޖެހޭ ބިލުތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމް އިންތިޒާމު ހަމަޖައްސައި ދޭނެކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަނުން ދީފައިވާކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޖީއޭއެމްއިން ވިދާޅުވެއްޖެއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 4 ސިޓީ ކައުންސިލާއި 17 އަތޮޅު ކައުންސިލާއެކު އެޖަމީއްޔާގެ އެކްސްކޯ އިން ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ. އަދި ކައުންސިލު ތަކުން ރަށު ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައިވާކަމަށް އޭނާ ބުންޏެވެވެ.

ސައުދު ވިދާޅުވީ މި ބައްދަލުވުންތަކަށް ފަހު، މިހާރު މިވަގުތަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް، މުޢައްސަސާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނާއެކު ފުރަތަމަ ބައްދަލުވުން ބޭއްވިއިރު، ގެސްޓު ހައުސްތަކުން ކަރަންޓާއި ފެނުގެ ޙިދުމަތް ކަނޑާނުލާއި ބިލްތައް ދެއްކުމުގައި ލުއިތަކެއް ދިނުމަށް އެ ޖަމީއްޔާއިން އެދުނު ކަމަށް ސައުދު ވިދާޅުވިއެވެ.

އެޖަމިއްޔާގެ އެދުމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ވަނީ މިކަމުގައި މަސްތަކަކަށް ބަހަލައިގެން ބިލް ދެއްކޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދީފައިކަމަށް ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯ އަދި އެމްޑަބްލިއުއެސީ އާއި އެކުވެސް ބައްދަލުވުންތައް ބާއްވާ، މާލެ އަދި އެކުންފުނި ތަކުން ޙިދުމަތްދޭ އެހެން ސަރަހައްދުތަކުގައި ހުރި ގެސްޓު ހައުސްތަކަށް މިގޮތަށް ލުއިތަކެއް ދިނުމަށް އެދޭނެކަމަށް ސައުދު ވިދާޅުވިއެވެ. އަދި މިކަން ވާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން އެޗްޑީއެފްސީއާވެސް ބައްދަލުކޮށް މިހާރު ދޫކުރެވިފައިވާ ލޯންތަކުގެ މޮރޮޓޯރިއަމް އާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާއިރު، ގެސްޓް ހައުސްތަކަށްވެސް ވަނީ ހީނަރުކަން ކުރިމަތިވެފައެވެ. މިކަންކަމަށް އެހީތެރިވުމުގެ ސަބަބުން ސަރުކާރުން ދަނީ ގެސްޓް ހައުސްތަކުގެ ވިޔަފާރިއަށް ކޮށްދޭވެނެ ކަންކަން ބަލަމުންނެވެ. މިގޮތުން ބެންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ލޯނު ހަމަޖައްސައިދިނުމާއި، މިހާރު ހުރި ލޯނުތައް ފަސްކޮށްދިނުން ފަދަ ކަންކަން ސަރުކާރުން ވަނީ ކޮށްދެއްވާފައެވެ.