ވިޔަފާރި

ހިލްޓަން ބްރޭންޑުގެ ރާއްޖޭގެ ފުރަތަމަ ރިސޯޓް މިއަހަރު ފަހުކޮޅު ހުޅުވަނީ


ކޮށްދިއްޕަރު ފިނޮޅު ހިއްކައިގެން ތަރައްޤީކުރާ ރިސޯޓް ހިންގުމަށް ހިލްޓަން ކުންފުންޏާއި ހަވާލުކޮށްފިއެވެ.

ހިލްޓަން ބްރޭންޑުގެ މި ރިސޯޓް މިއަހަރު ފަހުކޮޅު ހުޅުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މި ރިސޯޓް ވެގެންދާނީ ހިލްޓަން ގުރޫޕުން ރާއްޖޭގައި ހިންގާ 4 ވަނަ ރިސޯޓަށެވެ. އަދި ހިލްޓަން ބްރޭންޑުގެ ނަމުގައި ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓަށެވެ. މި ރިސޯޓް ތަރައްޤީކޮށްފައިވަނީ އަމިންގިރި ހޯލްޑިންގްސްގެ ފަރާތުންނެވެ.

ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ލޯންޗެއްގައި 15 މިނެޓުން ދެވޭނެއެވެ. 109 ކޮޓަރީގެ ރިސޯޓުގައި ތަފާތު އެކި ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުރެއެވެ. އަދި ޒުވާނުންނަށް ޙާއްސަ ކުޅިވަރު ކުޅޭ ސަރަޙައްދަކާއި، ސްޕާއެއްގެ ޙިދުމަތުގެ އިތުރުން ފިޓްނަސް ސެންޓަރެއްވެސް މި ރިސޯޓުގައި ވަނީ ތަރައްޤީކޮށްފައެވެ.

ހިލްޓަން ގުރޫޕުން މިހާރުވެސް ދަނީ ރާއްޖޭގައި ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރެޑް މޯލްޑިވްސް ގަންގަލި އައިލެންޑް، ސާއި ލެގޫން މޯލްޑިވްސް އަދި ކޫރިއޯ ކަލެކްޝަން ވައި ހިލްޓަންގެ ނަމުގައި ރާއްޖޭގައި 4 ރިސޯޓެއް ހިންގަމުންނެވެ.

ހުސްވި އަހަރުތެރޭ ރާއްޖޭގެ ފަތުރުވެރިކަމަށް އައި މަޑުޖެހުމާއެކު ރިސޯޓްތައް ހުޅުވާ ތާރީޚުތައްވެސް ލަސްވެގެން ދިޔައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި އަލަށް 12 ރިސޯޓު ހުޅުވުމަށް ނިންމާފައި އޮތް ނަމަވެސް އަހަރު ނިމިގެން ދިޔައިރު، ހުޅުވުނީ 4 ރިސޯޓެވެ.

އެހެންނަމަވެސް މިއަހަރުގެތެރޭ ގިނަ ޢަދަދެއްގެ ރިސޯޓުތަކެއް ރާއްޖޭގައި ހުޅުވިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރައްވައެވެ. އެގޮތުން އެ މިނިސްޓްރީން މީގެކުރިން ވިދާޅުވެފައިވަނީ މިއަހަރުތެރޭ ރާއްޖޭގައި އަލަށް 15 ރިސޯޓު ހުޅުވޭނެކަމަށެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖޭގައި ވަނީ 3 ރިސޯޓެއް އަލަށް ހުޅުވާފައެވެ.