ޚަބަރު

ސަރުކާރުގެ ބައެއް ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ގެނައިބަދަލުތައް މަޖިލީހުން ފާސްކޮށްފި


މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި މަޖިލީހުން ފާސްކުރެއްވީ ޖަލްސާގައި ބައިވެރިވި 51 މެންބަރުންގެ ވޯޓުންނެވެ.

ޓެކްނޯލޮޖީ މިނިސްޓްރީގެ ހުރިހާ މަސައްކަތްތަކާއި، އެ މިނިސްޓްރީގައި ތިބި ހުރިހާ މުވައްޒަފުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަން، މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީގެ ނަމަށް ބަދަލުކުރައްވައި، އެމިނިސްޓްރީގެ ދަށަށްވަނީ ބަދަލުކޮށްފައެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރަކަށް އައްޔަން ކުރެއްވި އައިމިނަތު ޝައުނާ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ. ޝައުނާއަށް ވަޒީރުކަން ހަވާލުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރުގެ މަޤާމުގައި ހުންނެވި ޑރ ހުސެއިން ރަޝީދު ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރެއްވުމަށްފަހުގައެވެ.

މިއާއެކު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން ކުރަން މަޖިލީހުންވަނީ ރުހުން ދެއްވާފައެވެ. އަދި މިނިސްޓަރ ޑރ. ޙުސެއިންއަށް ރުހުންދެއްވުމަށް ކޮމިޓީންވަނީ ފާސްކޮށްފައެވެ.

ސަރުކާރު ހިންގެވުމަށް ބަދަލުތަކެއް ރައީސް ގެންނަވާފައި މިވަނީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުން ސަރުކާރު ހިންގާ ޕާޓީއަށް ނާކާމިޔާބުވުމުން އެކަމާއި ގުޅޭ ކަންކަން ދިރާސާކުރައްވާ ސަރުކާރު ހިންގެވުން އިތުރަށް ހަރުދަނާ ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަށްފަހުއެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދެވުމަށް އިތުރު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.