ޚަބަރު

މިދައުރުގެ ބިލުތަކުގެ ތެރެއިން 8 ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވައިފި


ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރަށް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން 8 ބިލެއް މަޖިލީހަށް ފޮނުވައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިހިނގާ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި ޖުމްލަ 19 ބިލެއް މަޖިލީހަށް ފޮނުވަން ނިންމާފައިވާކަމަށެވެ. މީގެ ތެރެއިން މިހާތަނަށް މަޖިލީހަށް ފޮނުވާފައިވާ ބިލުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ 2 ބިލެވެ.

މީގެ އިތުރުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ބެހޭ ބިލުގެ އިތުރުން ޖަނަވާރުގެ ސިއްޙަތާއި ބެހޭ ބިލަކާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުވެސް މީގެތެރޭގައި ހިމެނެއެވެ.

މީގެ ތެރެއިން އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާ ބެހޭ ބިލާއި، ޖަނަވާރުގެ ޞިއްޙަތާބެހޭ ބިލާއި ކާބޯތަކެތީގެ ބިލާއި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި ގިންތި ކުރުމުގެ ބިލަކީ ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކެކެވެ. މީގެ ތެރެއިން ބައެއް ބިލްތަކުގެ ފުރަތަމަ ކިއުން އިއްވާފައިވާއިރު ބައެއް ބިލްތަކުގެ އިބްތިދާޢީ ބަހުސްވެސް ވަނީ މަޖިލީހުގައި ފަށާފައެވެ.

އިބްތިދާޢީ ބަހުސް ނިންމާ މިހާރު މަޖިލީހަށް ބަލައިގެންފައިވާ ބިލުތަކުގެ ތެރޭގައި، އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ސިފަކުރުން ނަފްރަތުގެ އަމަލެއްގެ ގޮތުގައި ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުން ޤާނޫނުލް ޢުޤޫބާތަށް ހުށައެޅި އިޞްލާޙުގެ ބިލު ހިމެނެއެވެ. އަދި ރާއްޖޭގައި އުފަންވާ ކުދިން ރަޖިސްޓްރީކުރަން 7 ދުވަހުގެ ތެރޭގައި ހުށަނާޅައިފިނަމަ އެކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ 10000 ރުފިޔާއިން ޖޫރިމަނާކުރެވޭގޮތަށް އުފަންވުން ރަޖިސްޓްރީކުރުމާ ގުޅޭގޮތުން ހުށައަޅާފައިވާ ބިލުގެ ފުރަތަމަ ކިއުންވެސް މަޖިލީހުގައިވަނީ އިއްވާފައެވެ.

މަޖިލީހުގެ މި ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްދުކުރާ 19 ބިލުގެ ތެރޭގައި، ހެއްކާބެހޭ ބިލާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލުގެ އިތުރުން ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލާއި، އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލުގެ އިތުރުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެ ޤާނޫނުގެ މަޤްޞަދުތަކާ ތަޢާރުޟުވާ ޤާނޫނުތަކަށް އިޞްލާޙު ގެނައުމާގުޅޭ ބިލުތައް ހިމެނެއެވެ.