ހިޔާ ފްލެޓްގެ އަގުތައް ކަނޑައަޅާފައިވަނީ އެކަށީގެންވާ ގޮތެއްގައިތޯ ޔަގީންކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މެއިންޓަނަންސް ފީއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8500 ރުފިޔާ ކަމަށް ސަރުކާރުންވަނީ ނިންމާފައެވެ.
ކުރީ ސަރުކާރުގައި ހިޔާ ހައުސިން ޔުނިޓެއްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 5600 ރުފިޔާއެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ ހިޔާ ފްލެޓްގެ އަދަކީ 7500 ރުފިޔާކަމަށެވެ. އަދި މީގެއިތުރަށް މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1000ރުފިޔާ ނެގުމަށްވަނީ ހަމަޖެހިފައެވެ.
މާލޭ ސިޓީ ކައުންސިލުންވަނީ ހިޔާ މަޝްރޫޢުގެ އަގުތައް ކަނޑައަޅާފައިވާ ގޮތް ތަފްސީލްކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީގަ އެދިފައެވެ. އަދި މިކަމަށް އެއްބާރުލުން ދިނުމަށް ނިންމާ ޕްލޭނިން މިނިސްޓްރީއާއި ކައުންސިލާދެމެދުވަނީ މިކަމުގެ ބައްދަލުވުންތަކެއް ފަށާފައެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމްއާއި މާލެ ސިޓީގެ މޭޔަރ ބައިވެރިވެވަޑައިގެން މިއަދުވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ކުރީގެ އަގުތައް ކަނޑައަޅާފައިވާ ގޮތާއި، އަދި ސަރުކާރުން އަގުތައް ފައިނަލްކުރިއިރު އައި ބަދަލުތައްވަނީ ޙިއްސާކޮށްފައެވެ.
ސަރުކާރުން އަގުތައް ކަނޑައަޅާފައިވާގޮތާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ކުރިން އަގުތައް ހެދިއިރު މުހިންމު ކަންތައްތަކަކަށް ރިއާޔަތްކޮށްފައި ނުވާކަމަށެވެ. އަސްލަމް ވިދާޅުވީ އޭރު އަގު ހަދާފަ އޮތީ ކޮންސްޓްރަކްޝަން ފީއަށް ބަލައިގެންކަމަށެވެ. ނަމަވެސް ލޯނު އަލުން އަދާކުރުމާއި، މަހުން މަހަށް ފައިސާ އަދާކުރުމުގެ އީއެމްއައި ޚަރަދުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ބަލާފައި ނުވާކަމަށެވެ. ނަމަވެސް މިޚަރަދަކީ ސަރުކާރުން އަދާކުރަންޖެހޭ ޚަރަދަކަށްވާއިރު، ޚަރަދުތައް ބެލެހެއްޓޭނީ ފްލެޓްގެ އަގު ކަނޑައެޅުމުގައި މި ކަންކަމަށް ރިއާޔަތްކޮށްގެންކަމަށެވެ. ކުލި ކަނޑައެޅުމުގައި ބިމުކުލިވެސް ހިމަނާފައި ނުވާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
"މަޢުލޫމާތުތައް ސިޓީ ކައުންސިލާއި ޙިއްސާކުރީމަ، ކައުންސިލުން ބަލާނެ އޭރާއި މިހާރުގެ ފޯމިއުލާ މެތަޑްގަ ހުރި ތަފާތުތައް. އަގުތަކާ ގުޅިގެން ހުރި ކަންކަން ބެލުމަށް އެޗްޑީސީންވަނީ އޮޑިޓް އޮފީހުގައިވެސް އެދިފަ." އަސްލަމް ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ 2018ވަނަ އަހަރު ނިންމި އަގުތަކަކީ އެޗްޑީސީއާއި ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އާއި ކަމާގުޅޭ މުޢައްސާތައް މަޝްވަރާކޮށް، ޚަރަދުތަކަށް ރިއާޔަތްކޮށް ހަދާފައިވާ އަގުކަމަށެވެ.
"ކައުންސިލުން ވެރިފައި ކުރަން ބޭނުންވަނީ މިއީ ސޯޝަލް ހައުސިން މަޝްރޫއަކަށް ކަނޑައަޅަން ރަނގަޅު އަގުތޯ. އަދި މިއީ އަތްފޯރާ، ރައްޔިތުންނަށް ދެއްކޭނެ އަގެއްތޯ." މުއިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ އަގަށް ބަދަލު ނުގެނެވޭނަމަ، ފްލެޓަށް ވަންނައިރު ކުރަންޖެހޭ މަރާމާތަށް ރައްޔިތުން ޚަރަދުކުރާ ފައިސާއިން ލުޔެއް ހޯދައިދިނުމަށް ސަރުކާރާއެކު މަސައްކަތް ކުރައްވާނެކަމަށެވެ.
އާއްމު ޚިދުމަތްތައްދޭނެ ޖާގަ ފްލެޓްތަކުގައި ހެދުމަށް، ހިޔާ 7000ހައުސިން ޔުނިޓްގެ އަގުވެސްވަނީ 6720އަށް ކުޑަކޮށްފައެވެ.
ހިޔާ ފްލެޓްތަކުގެ އެގްރިމެންޓްގައި ސޮއިކުރުމުގެ މަސައްކަތް އަންނަ މަހު 15ވަނަ ދުވަހު ފަށާނެއެވެ. ފްލެޓްތައް މީހުންނާ ހަވާލުކުރެވޭވަރުވާނީ އަންނަ މަހުގެ ފަހުކޮޅުކަމަށް ސަރުކާރުން ހާމަކުރައްވައެވެ.