ޚަބަރު

ރައީސް ޢިއުލާންކުރެއްވި 1000 ހައުސިންގ ޔުނިޓް 2 އަހަރުތެރޭ ނިމޭނެ: އަސްލަމް


ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރައްވާފައިވާ 5000 ހައުސިން ޔުނިޓުގެ ތެރެއިން 1000 ހައުސިންގ ޔުނިޓުގައި ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މީހުން ދިރިއުޅެވޭ ވަރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރައްވާފައިވާ 5000 ހައުސިންގ މަޝްރޫޢުގެ ތެރެއިން 1000 ހައުސިންގ ޔުނިޓުގެ ބިންގާ އަޅާ މިހާރު ވަނީ ޢަމަލީގޮތުން މަސައްކަތް ފަށާފައެވެ.

މިމަޝްރޫއަކީ އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ގެދޮރުވެރިކުރުވުމުގެ މަޝްރޫއެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރަރސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެއަހަރު ނިމުމުގެ ކުރިން މިމަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ފެށި 1000 ހައުސިންގ ޔުނިޓުތަކުގައި މީހުންނަށް ދިރިއުޅެވޭނެ ވަރުކުރުންކަމަށެވެ. އެގޮތުން މިއަހަރު ނިމްނެވާއިރަށް މަސައްކަތުގެ 20 އިންސައްތަ ނިމޭނެކަމަށް ހައުސިންގ މިނިސްޓަރ ވަނީ ލަފާކުރައްވާފައެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޕޯލޯ ކުންފުންޏާއި ޙަވާލުކޮށްގެން މަސައްކަތް ފެށިފައިވާއިރު ބާކީ 4000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައިވީނަމަވެސް ކޯވިޑްގެ ސަބަބުން މަޝްރޫޢަށް ބޭނުންވާ ބަޖެޓު ހަމަޖެހުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ފުރަތަމަ 1000 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 220 ޔުނިޓާއި މިޑް ރޭންޖް ހައުސިންގެ 660 ޔުނިޓެވެ.