ޚަބަރު

ބޮމުގެ ހަމަލާގެ ތުހުމަތަށް ހައްޔަރުކުރި މީހުން ފުލުހުން ވަނީ މީގެކުރިން ކަނޑުމަތިން ހުއްޓުވާފައި!


ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ އާ ގުޅިގެން ހައްޔަރުކުރި މީހުން އެ ހާދިސާ ހިނގުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ކަނޑުމަތިން ހިފެހެއްޓިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިކަން ހާމަކޮށްފައި މިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަމަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގެ ތުހުމަތަށް ހައްޔަރުކުރި ބަޔަކާއި ފުލުހުންނާއި ދެމެދު ހިނގި މުޢަމަލާތެއް ހިނގާކަން ދޭހަވާފަދަ ގޮތަށް ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯއަކާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ 6 މެއި 2021ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަޙުމަދަކީ މެއި 1 ވަނަ ދުވަހު މެރިން ޕޮލިސްއިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތެއްކަމުގައި މެރިން ޕޮލިސްއިން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަޙުމަދުގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދުވެސް ހުރިކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ އެ ލޯންޗް ހުއްޓުވާފައިވަނީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯލްގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިގެން ހުޅުމާލެ ފަޅުތެރެއިންކަމަށެވެ. އަދި ލޯންޗްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރިވުމަށްފަހު އެމީހުން ދޫކޮށްލިކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެކަމާއި ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ޖުމްލަ 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުުހުން ކަނޑުމަތިން ހުއްޓުވިކަމަށް ބުނާ އަދުހަމްއަކީ ބޮން ގޮއްވާލި މީހާއެވެ. އަދި ތަހުމީން އަހުމަދަކީ ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިމީހާކަމަށް މައުލޫމާތު ލިބެއެވެ.

މި ދެ މީހުންގެ އިތުރުން، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދެން ހައްޔަރުކޮށްފައިވަނީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.