ކުޅިވަރު

ފިލިޕީންސް އަތުން ލިބުނު ޕޮއިންޓް ހަދިޔާކުރަނީ ދިވެހި ރައްޔިތުންނަށް - ކޫޕްމަން


ފިލިޕީންސް އަތުން ލިބުނު ޕޮއިންޓް ހަދިޔާ ކުރަނީ ދިވެހި ރައްޔިތުންނަށް ކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގައި ދިވެހިރާއްޖެއިން ވަނީ ފިލިޕީންސާއާއި ދެކޮޅަށް ކުޅެ އެޓީމު އަތުން ޕޮއިންޓެއް ހޯދާފައެވެ. މިއީ މި ކޮލިފައިންގައި ދިވެހި ޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗަށް ބާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗެވެ. އެކެއް އެކަކުން އެއްވަރުވި މެޗުގައި ދިވެހި ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ޤައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނީ މެޗުގައި އޭނާ އެެއްވެސް އިރަކު ކުޅުންތެރިންގެ ފެންވަރާއި މެދު ޝައްކު ނުކުރާކަމަށާއި، މެޗުގައި ފެނުނީ އޭނާ ބޭނުންވާކަހަލަ ކުޅުމެއްކަމަށެވެ. ޚާއްސަކޮށް ފުރަތަމަ ހާފުގައި ފެނުނީ އޭނާ ބޭނުންވާ ކަހަލަ މޮޅު ކުޅުމެއްކަމަށް ކޯޗު ބުންޏެވެ.

ކޯޗު ކޫޕްމަން ބުނީ ވަރުގަދަ ދެ މެޗަށްފަހު މި މެޗުގައި ފެނުނީ ކުޅުންތެރިން އައު ހިތްވަރަކާއިއެކު ކުޅުނުތަންކަމަށައި، އޭނާ ޤައުމީ ޓީމު ކުޅެން ބޭނުންވާ ސިސްޓަމްގެ ފައުންޑޭޝަން މިހާރު ފެންނަން ފަށާފައިވާކަމަށެވެ.

"ރާއްޖޭގެ ކޮވިޑް ހާލަތާއި ހުރިހާކަމަކަށް ބަލާއިރު ހުރިހާ ދިވެހިންނަށް ދިން ހަދިޔާއެއް މިއީ. އަހަރެން ވަރަށް ހިތްހަމަޖެހިފައި މިހިރީ އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ކުޅުންތެރިންވެސް ކުޅެފި." ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުންޏެވެ.