ވިޔަފާރި

ގައިޑްލައިނެއްގެ ތެރެއިން ސެލޫންތަކާއި ކޮންސްޓްރަކްޝަން މަސައްކަތަށް ހުއްދަ ދީފި


ސެލޫންތަކާއި ބޯކޮށާތަންތަނުގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ތަންތަނުގައި ވަކި ޚާއްސަ ގައިޑްލައިންތަކަކާއެކު މަސައްކަތްކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކާއި ބޯކޮށާ ތަންތަން ހެނދުނު 8:00 އިން ހަވީރު 4:00 އަށް އެޕޮއިންޓްމަންޓް އުސޫލުން ހުޅުވައިގެން ޚިދުމަތްދިނުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލިނަމަވެސް މި ހާލަތުގައި ޚިދުމަތް ދެވޭނީ ސަރވިސް ޕްލޭނަކާއިއެކު އެޗްޕީއޭއަށް ހުށައެޅުމުން އެކަން ބަލައި އިންސްޕެކްޝަން ހެދުމަށްފަހުގައިކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބޯކޮށާތަންތަނާއި ސެލޫންތަކުގެ ތެރެއިން ޚިދުމަތްދޭން ބޭނުންވާ ތަންތަނުން ޚިދުމަތް ދިނުމަށް އެޗްޕީއޭއަށް ހުއްދައަށް އެދި ހުށައަޅާއިރު ތަނުގައި މަސައްކަތްކުރަން ކަނޑައަޅާ ގަޑިތަކާއި، ކޯވިޑް19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ޚިދުމަތްދެވޭ މީހުންގެ އަދަދާއި، އެޕޮއިންޓްމަންޓް ހެދުމަށް ކަނޑައަޅާގޮތް ހިމަނަންވާނެކަމަށް ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭއިން ބުނީ ޚިދުމަތްދޭން ފަށަންވާނީ އިންސްޕެކްޝަންއަށްފަހު ޚިދުމަތް ފެށުމަށް ހުއްދަ ލިބުމުންކަމަށެވެ. އަދި ހުށައަޅާ އުސޫލު ރިވިއުކޮށް އިންސްޕެކްޝަން ހަދައި 48 ގަޑިއިރުގެ ތެރޭގައި ހުއްދަ ދިނުމުގެ ކަންކަން ކުރިއަށްދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. ޚިދުމަތްދިނުމުގައި އަމަލުކުރާނެ އުސޫލު މެއިލްކުރާނީ [email protected] އަށެވެ.

އެޗްޕީއޭއިން މާލެ ސަރަހައްދުގައި ދިން ލުއިތަކާއިއެކު ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށްވެސް ވަނީ ހުއްދަ ދީފައެވެ. އެގޮތުން ސިޓީ ކައުންސިލާއި އެޗްޑީސީގެ ހުއްދައާއިއެކު އަލުން ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށޭނެއެވެ.

ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށް ހުއްދައަށް އެދޭއިރު ކުރަން ބޭނުންވާ މަސައްކަތުގެ ބާވަތް، މަސައްކަތް ކުރަން ހޭދަވާނެ ވަގުތު އަދި މުވައްޒަފުންގެ އަދަދު ބަޔާންކުރަންޖެހެއެވެ. މީގެއިތުރުން މަސައްކަތުގައި ހަރަކާތްތެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށް އެކަނިކަމަށް އުސޫލުގައިވެއެވެ. އަދި މަސައްކަތުގައި އުޅޭ މުވައްޒަފުން ވާންވާނީ އެއްތަނެއްގައި އުޅޭ ބަޔަކަށްކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެއިތުރުން މުވައްޒަފުން މަސައްކަތްކުރާ ތަނާއި ދިރިއުޅޭ ތަނާއި ދެމެދު ދަތުރުކުރުމަށް ޚާއްސަ އުޅަނދެއް ހުރުމާއި މަސައްކަތްކުރާ ތަނާއި ދިރިއުޅޭތަން ނޫން އެހެންތަނަކަށް ނުދިއުން ހިމެނެއެވެ. އަދި މުވައްޒަފުންނަކީ ކަރަންޓީނުގައި ނުވަތަ ޕޮޒިޓިވްވުމުން އެކަހެރިކުރެވިފައިވާ މީހުންނަށް ނުވުން ހިމެނޭކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޯވިޑް19ގެ ހާލަތު މާލެ ސަރަހައްދުގައި އިތުރުވާން ފެށުމާއިއެކު ސެލޫންތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަންތަން ގިނަ ދުވަސްތަކެއް ވަންދެން ވަނީ ބަންދުކުރަންޖެހިފައެވެ. މީގެސަބަބުން މި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކާއިވެސް ކުރިމަތިލާންޖެހުނެވެ.