ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް 2 މަސްދުވަހުގެ ތެރޭގައި 58 ހަރަކާތް


ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް 58 މާރކެޓިންގ ހަރަކާތް ކުރިއަށް ގެންގޮސްފައިވާކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

ދުނިޔޭގައި ކޯވިޑް ބަލިމަޑުކަން ފެތުރި މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވިޔަސް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ދަނީ ކޯވިޑްގެ މި ހާލަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި 58 މަރެކޓިންގ ހަރަކާތްކުރިއަށް ގެންގޮސްފައިވާއިރު، އޭގެތެރޭގައި ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ފެއަރތަކުގައި ބައިވެރިިވުމާއި، މަރކެޓިންގެ ކެމްޕެއިންތައް ހިންގުމާއި، ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ.

މި ހަރަކާތްތަކުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށް، ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި މަންޒިލެއްކަން އަންގައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައިވާކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ފާއިތުވީ ދެމަސްދުވަހުގެ ތެރޭގައި 58 މަރކެޓިންގ ހަރަކާތް ކުރިއަށްގެންސްފައިވާއިރު، މީގެތެރޭގައި ހިމެނެނީ 6 ފެއަރ، ސްކައި ސްކޭނަރ، ޓްރިޕް އެޑްވައިޒަރ އަދި އެކްސްޕީޑިއާއެކު ގްލޯބަލް މަރކެޓިންގ ކެމްޕެއިނެއް ކުރިއަށްގެންދިޔުމާއި، އެކި މަރކެޓްތަކަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ ވެބިނަރތަކުގެ އިތުރުން، ދެ ފެމިލިއަރައިޒޭޝަން ކެމްޕޭނާއި، ދެ ރޯޑް ޝޯއެވެ.

ކޯވިޑާއި ގުޅިގެން ބައިނައަލް އަޤްވާމީ ފަތުރުވެރިކަމުގެ ފެއަރތައް ހުއްޓުމަކަށް އައިނަމަވެސް، މިހާރު ބައެއް ފެއަރތައް ބާއްވަމުންދާއިރު، އެމްއެމްޕީއާރުސީން ދަނީ މި ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިފަމުންނެވެ. އެގޮތުން ފެއަރތަކުގައި ރާއްޖެއިން ބައިވެރިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ރާއްޖޭގެ ސްޓޭންޑުން ފުރިހަމައަށް ދައްކާލުމަށް މަސައްކަތްކުރާކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖެއިން ބޭރުގައި ބާއްވާ 44 ފެއަރއަކާއި ރޯޑްޝޯއެއްގައި މިއަހަރު ބައިވެރިވުމަށް އެމްއެމްޕީއާރުސީން ވަނީ ނިންމާފައެވެ. ކޯވިޑްގެ އުނދަގޫ ދަތި ދުވަސްތަކުގައިވެސް މިދިޔަ އަހަރުގެ ތެރޭގައި 22 ޓާގެޓް މާކެޓެއްގައި އެމްއެމްޕީއާރުސީން ވަނީ 412 ހަރަކާތެއް ހިންގާފައެވެ.

މީގެތެރެއިން 314 ހަރަކާތަކީ ކޯވިޑްގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ހިންގި ހަރަކާތްތަކެވެ. މި ކެމްޕެއިން ހަރަކާތްތައް މެދުވެރިކޮށް މަދުވެގެން 5.2 ބިލިއަން މީހުންނަށް ރާއްޖޭގެ މައުލޫމާތުތައް ހިއްސާކޮށްފައިވާނޭކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ..