ޚަބަރު

24 ގަޑިއިރުގެތެރޭގައި 4 ލައްކަވުރެ ގިނަ މީހުން ޙައްޖަށް ރަޖިސްޓްރީކޮށްފި

މިއަހަރުގެ ޙައްޖަށް ރަޖިސްޓްރީވުމަށް ހުޅުވާލުމުން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 4 ލައްކަ 50 ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ.

މި އަހަރުވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަނިކަމަށް އެ ޤައުމުގެ ސަރުކާރުން ކަނޑައެޅީ މިމަހުގެ 12 ވަނަދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހުން ފެށިގެން ޙައްޖަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު މީމަހުގެ 23 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޙައްޖަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރަތަމަ 24 ގަޑިއިރުގެތެރޭގައިވެސް 4 ލައްކަ 50 ހާހަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިއަހަރުގެ ޙައްޖުގައި ބައިވެރިވެވޭނީ ސައުދީގައި ދިރިއުޅޭ 60،000 މީހުންނަށެވެ. މީގެތެރޭގައި އެޤައުމުގައި މަސައްކަތްކުރާ މީހުންނާއި ކިޔަވަމުންދާ ދަރިވަރުން ހިމެނޭ ގޮތަށް 160 ޤައުމެއްގެ މީހުންނަށް ބައިވެރިވެވޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށެވެ. އަދި ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އެއްވެސް ބައްޔަކަށް ބޭސްނުކުރާ އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. އަދި ޙައްޖަށް އެދި ހުށައަޅާ ފިރިހެނުންނަކީ މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

ޙައްޖަށް މީހުން ހޮވުމުގައި މިހާތަނަށް ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ނުވާ އުމުރުން 50 އަހަރުން މަތީގެ އަންހެނުންނަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

އަހަރަކު 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރުވެސް ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1،000 މީހުންނަށެވެ. މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައަޅާފައިވަނީ ވަކި ޕޯޓަލަކަށް ހުށައަޅައިގެން ހޮވުނު މީހުންނެވެ.

މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 5 މީހަކު ވަނީ ބައިވެރިވެފައެވެ. އެއީ ސައުދީގައި ކިޔަވަމުންދިޔަ 5 މީހެކެވެ.