ގައުމީ ބޮޑީބޯޑީން ލީގުގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) އާއި، އިޔަން އަޙްމަދު އަދި އާމިން އުމަރު މޫސާ ހޯދައިފިއެވެ.
މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އާމިންއެވެ. އާމިން މި ކެޓަގަރީގެ އެއްވަނަ ހޯދީ 13.76 ގެ ސްކޯއަކުން ކުޑަ އައްޔަ ބަލިކުރުމަށްފަހުއެވެ. މެންސް އޯޕަން ކެޓަގަރީގެ ތިންވަނަ ހޯދީ އަލީ ޖާވިދު (ޖާއްޓޭ) އާއި އަޙްމަދު ނަޒްމީންއެވެ.
ޖޫނިއަރ މެންސް ކެޓަގަރީގެ އެއްވަނަ ހޯދީ އިޔަން އަޙްމަދެވެ. އިޔަން ފައިނަލްގައި ވާދަކޮށް އެއްވަނަ ހޯދީ 13.00 ގެ ސްކޯއަކުންނެވެ. ދެވަނަ ހޯދީ މުޙައްމަދު އަޒާން އަޙްމަދެވެ. ޖޫނިއާ މެންސް ކެޓަގަރީގެ ތިންވަނަ ހޯދާފައިވަނީ ނޫހު މުޙައްމަދު ދުނެއިމް އިރުޝާސް އާއި މުޙައްމަދު ލިބާންއެވެ.
މި މުބާރާތުގެ ޑްރޮޕްނީ ކެޓެގަރީގެ އެއްވަނަ ހޯދީ ކުޑަ އައްޔައެވެ. އޭނާ މި ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާމިންއާ ވާދަކޮށް 11.00 ގެ ސްކޯއަކުންނެވެ.
ޑްރޮޕްނީ އިވެންޓުގެ ތިންވަނަ ހޯދީ ދާއިން އަބުދުލް ފައްތާހު އާއި މުޙައްމަދު އަޒާން އަޙްމަދެވެ.
މި މުބާރާތުގެ ތިން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި އެތުލީޓުން ބުނީ މި އަހަރުގެ ބުރުނު ޝިކާރު ޗެލެންޖަށް ނިކުތީ ޗެމްޕިއަންކަން ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމާއެކުގައި ކަމަށެވެ.
މި މުބާރާތުގައި ޖުމުލަ 23 އެތުލީޓުން ވާދަކުރިއެވެ. އެގޮތުން މެންސް އޯޕަން ކެޓެގަރީގައި 23 އެތުލީޓުން ވާދަކުރިއިރު، ޖޫނިއަރ މެންސް އޯޕަން ކެޓެގަރީގައި ވާދަކުރީ 9 އެތުލީޓުންނެވެ. އަދި ޑްރޮޕްނީ ކެޓެގަރީގައި ވާދަކުރީ 9 އެތުލީޓުންނެވެ. ދެން އެންމެ އަވަހަށް ބޮޑީބޯޑިން މުބާރާތެއް ބާއްވާނީ އޮގަސްޓް މަހު ފުވައްމުލައް ސިޓީގައެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ އަމާޒަކީ މިއަހަރުގެ ހުރިހާ މުބާރާތެއްވެސް ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސް މުބާރާތްތަކަށް އައު އެތުލީޓުން ނެރުމެވެ. އެމްބީބީއޭގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވީ މިއަހަރުގެ މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވުނު ކަމަށާއި، ކުރިޔަށް އޮތް މުބާރާތްތައްވެސް މިހާ ފޯރީގައި ކުރިޔަށް ގެންދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖަކީ ގައުމީ ބޮޑީބޯޑިން ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތެވެ. މިއީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކާމިޔާބުކަމާއެކު ނިންމާލެވުނު މުބާރާތެއް ކަމަށް އެމްބީބީއޭގެ ރައީސް ފާހަގަކުރެއްވިއެވެ.