ކުޅިވަރު

ރާއްޖޭގެ ބެޑްމިންޓަން އަމްޕަޔަރު ޕުޗޫ އޮލިންޕިކަށް

އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި އިންސާފުކުރުމުގެ ފުރުސަތު ރާއްޖޭގެ ބެޑްމިންޓަން އަމްޕަޔަރު އަހުމަދު ޝިހާމް (ޕުޗު)އަށް ލިބިއްޖެއެވެ. އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުރިއަށްދާނީ ޖަޕާންގެ ޓޯކިޔޯގައެވެ. ޕުޗުވަނީ މީގެ ކުރިން 2017ވަނަ އަހަރު ބެޑްމިންޓަން ވޯލްޑް ޗެންޕިއަންޝިޕް މުބާރާތުގައި އަމްޕަޔަރުކަން ކޮށްފައެވެ. ވޯލްޑް ޗެންޕިއަންޝިޕް އާއި މިއަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްއާއެކު ޕުޗުވެފައިވަނީ ބެޑްމިންޓަން އިވެންޓުގެ ބޮޑު ދެ މުބާރާތެއްގައި ރާއްޖެ ތަމްސީލް ކުރާ ފުރަތަމަ އަމްޕަޔަރަށެވެ.

ޕުޗުއަކީ ރާއްޖޭގައިވެސް ވަރަށް ފާހަގަކޮށްލެވޭ އަމްޕަޔަރެކެވެ. ރާއްޖޭގެ ގައުމީ މުބާރާތްތަކާއި ރާއްޖޭގައި ބޭއްވި ބައިނަލަގްވާމީ މުބާރާތްތަކުގައިވެސް ޕުޗު ވަނީ އިންސާފްކޮށްފައެވެ. 2017 ވަނަ އަހަރު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕާއި ވިއެޓްނާމުގައި އޮތް ހެނޯއީ އިންޓަނޭޝަނަލް ޗެލެންޖުގައި ވެސް ޕުޗުވަނީ އޮފިޝަލްކަން ކޮށްފައެވެ.
ޕުޗުވެގެން ވެފައިވަނީ އޮލިންޕިކްސްގައި އިންސާފް ކުރުމަށް ރާއްޖެއިން ލިބުނު ދެވަނަ ޓެކްނިކަލް އޮފިޝަލަށެވެ.

2016ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ޢަލީ ޢަބްދުލް ކަރީމް (ޒޯލާ)ވަނީ އިންސާފްކޮށްފައެވެ. ޒޯލާއަކީ ރާއްޖެއިން އެންމެ ފުރަތަމަ އޮލިމްޕިކްސްގައި އިންސާފް ކުރި ފުރަތަމަ ޓެކްނިކަލް އޮފިޝަލެވެ. ޕުޗުއަށް މިފުރުސަތު ލިބުމާއެކު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ފޭސް ބުކްގައި ކުރި ޕޯސްޓްއެއްގައި ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ބެޑްމިންޓަންގެ އިތުރުން މުޅިރާއްޖެއަށް ވެސް ލިބިގެންދިޔަ ވަރަށް ރަގަނޅު ފުރުސަތެއްކަމަށާއި މިފަދަ އިތުރު ފުރުސަތުތައް ޕުޗުގެ އިތުރުން ރާއްޖޭގެ އެހެން އޮފިޝަލުންނަށްވެސް ލިބިގެންދާނެކަމަށް އުއްމީދު ކުރާކަމަށެޗެ. އަދި ޕުޗުގެ މިކާމިޔާބީއާއި ގުޅިގެން އަރަމުން އަންނަ ޒުވާން އޮފިޝަލުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ގަބޫލް ކުރާކަމަށެވެ. އަދި މިއީ ޕުޗުގެ މިންނެތް މަސައްކަތުން ލިބިގެންދިޔަ ވަރަށް ފުރިހަމަ ފުރުސަތެއްކަމަށް މޫސަ ވަނީ ފާހަގަކޮށްފައެވެ. އޮލިމްޕިކްސް ފެށުމަށް ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 23 އިން އޮގަސްޓް މަހުގެ 8 ދުވަހަށެވެ.