މިސަރުކާރުން ތަރައްޤީކުރާ ހައުސިންގ މަޝްރޫޢުތަކުގެ އަގުތަށް ކަނޑައަޅާނީ ރައްޔިތުންގެ ޢާމްދަނީއަށް ރިޢާޔަތްކޮށްގެންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަމިއްލަ ކުންފުންޏަކާއި ޙަވާލުކޮށްގެން ތަރައްޤީކުރާ ފުރަތަމަ އަދި އެންމެ ބިޔަ ހައުސިންގ މަޝްރޫޢުގެ މަސައްކަތްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ މީގެކުރިން ޢަމަލުކުރެވެމުން އައި އުސޫލުގެ ދަށުން އެންމެ ފަގީރު މީހާއަށްވެސް އަދި އެންމެ މުއްސަނދި މީހާއަށްވެސް ގެދޮރުވެރިކުރުމުގައި ބެލިފައި އޮތީ އެއްއަގެއްކަމަށެވެ. އެއީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ވިދާޅުވެ މިނިސްޓަރ އަސްލަމް ވިދާޅުވީ މިސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުތަކުގެ އަގުތަށް ކަނޑައަޅާނީ ރައްޔިތުންގެ ޢާމްދަނީއަށް ރިޢާޔަތްކޮށްގެންކަމަށެވެ.
އަޑު: "މީގެކުރިން އެންމެ ކުޑަ މުސާރަ ލިބޭ މީހާއަށާއި މެދު ފަންތީގެ ޢާމްދަނީ ލިބޭ މީހުންގެ ކެޓަގަރީއަށް އެންމެ މުއްސަނދި މީހާއަށްވެސް އެބަ ކުރިމަތިލެވޭ. މިކީ ހަމަޖެހޭ އުސޫލެއް ނޫން. މިސަރުކާރުން ގެދޮރުވެރިކުރުމުގައި ލިބޭ ޢާމްދަނީއަށް ބަލާނެ" މިނިސްޓަރ ވިދާޅުވިއެވެ.
ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 1000 ހައުސިން ޔުނިޓަކީ 9 ޓަވަރެވެ. މީގެތެރެއިން ފުރަތަމަ ޓަވަރުގެ ޢަމަލީ މަސައްކަތުގެ ތެރެއިން 20 އިންސައްތަ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިމޭނެކަމަށް ލަފާކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިމަޝްރޫގެ ކޮންޓްރެކްޓަރ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަޙްމަދު ވިދާޅުވީ ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީއަށް ގެދޮރުވެރިކުރުވުމުގެ މިމަޝްރޫގެ ސަބަބުން ޖާގަ ތަނަވަސް ޒަމާނީ ގެއެއްގައި ދިރިއުޅުމުގެ ފުރުސަތު ޢާއިލާއާއެކު ލިބިގެންދާނެކަމަށެވެ.
"ހުޅުމާލޭ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ނިންމާފައިވާ މި 1000 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 220 ޔުނިޓާއި މިޑް ރޭންޖް ހައުސިންގެ 660 ޔުނިޓު." ސުހެއިލް ވިދާޅުވިއެވެ.
މިސަރުކާރުން ޢިއުލާންކޮށްފައިވާ 5000 ހައުސިންގ ޔުނިޓުގެ ތެރެއިން 1000 ޔުނިޓުގެ މަސައްކަތް އެޕޯލޯ ކުންފުންޏާ ޙަވާލުކޮށްގެން ޢަމަލީ މަސައްކަތް މިހާރުވަނީ ފަށަފައެވެ. ބާކީ 4000 ހައުސިންގ ޔުނިޓުގެ ތަރައްޤީކުރުމަށް ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައިވީނަމަވެސް ކޯވިޑްގެ ސަބަބުން މަޝްރޫޢަށް ބޭނުންވާ ބަޖެޓު ހަމަޖެހުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
މިމަޝްރޫޢޫގެ އިތުރުންވެސް ގެދޮރު ބިނާކުރުމުގެ 5 މަޝްރޫޢެއްގެ މަސައްކަތް ހުޅުމާލޭގައި އަންނަނީ ކުރަމުންނެވެ. މިމަޝްރޫޢުތަކާއެކު މާލެ ސަރަޙައްދަށް ދިމާވެފައިވާ ގެދޮރުވެރިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.