ޚަބަރު

އިންޑިޔާއަށްވުރެ ޕާކިސްތާނާއި ޗައިނާގެ ނިޔުކްލިޔަރ ހަތިޔާރުގެ ޢަދަދު ގިނަ


އިންޑިޔާއަށްވުރެ އަވަށްޓެރި އަދި ވާދަވެރި ޕާކިސްތާނާއި ޗައިނާއިން އުފައްދާފައިވާ ނިޔުކްލިއަރ ހަތިޔާރުގެ ޢަދަދު ގިނަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސްޓޮކްހޯމި އިންޓަނޭޝަނަލް ޕީސް އިންސްޓިޓިއުޓް، އެސްއައިޕީއާރުއައިން ނެރުނު އެންމެ ފަހުގެ ދިރާސާއިން ދައްކާގޮތުގައި 9 ޤައުމެއްގައި 13،080 ނިޔުކްލިޔަރ ހަތިޔާރު އެބަހުއްޓެވެ. އެންމެ ގިނަ ނިޔުކްލިޔަރ ހަތިޔާ އުފައްދާފައިވަނީ ރަޝިޔާއާއި އެމެރިކާއިންނެވެ. އެ ގޮތުން ރަޝިޔާއިން 6،255 އަދި އެމެރިކާއިން 5،550 ނިޔުކްލިޔަރ ހަތިޔާރު އުފައްދާފައިވާކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ހަތިޔާރުހުރީ ޗައިނާގައެވެ. އެ ޤައުމުގައި 350 ނިޔުކްލިޔަރ ހަތިޔާރު އެބަހުއްޓެވެ. އޭގެ އިތުރުން ފަރަންސޭސިވިލާތުގައި 290 ހަތިޔާރު އަދި އިނގިރޭސިވިލާތުގައި 225 ހަތިޔާރު އެބަހުއްޓެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތަށްފަހު ދެން އެންމެ ގިނަ ނިޔުކްލިޔަރ ހަތިޔާރު ހުރީ ޕާކިސްތާނުގައެވެ. އެ ޤައުމުގައި 165 ހަތިޔާރު އެބަހުއްޓެވެ. އެއަށްފަހު ދެން އެންމެ ގިނަ ހަތިޔާރުހުރީ އިންޑިޔާގައެވެ. އިންޑިޔާގައި 156 ނިޔްކުލިޔަރ ހަތިޔާރު އެބަހުއްޓެވެ. އިންޑިޔާއަށްވުރެ ފަހަތުގައި އޮތީ އިސްރާއީލާއި އުތުރު ކޮރެޔާއެވެ. އެ ގޮތުންއިސްރާއީލުގައި 90 ހަތިޔާރު އަދި އުތުރު ކޮރެޔާގައި ގާތްގަނޑަކަށް 50 ހަތިޔާރު ހުރިކަމަށް ބެލެވެއެވެ.

އިންޑިޔާއިންވަނީ އެ ޤައުމުގައި ނިޔުކްލިޔަރ ހަތިޔާރު ހުރި މިންވަރު އެ ޤައުމުގެ ހަތުރުންކަމަށްވާ ޕާކިސްތާނާއި ޗައިނާއަށްވުރެ މަދުވި ނަމަވެސް ކަންބޮޑުނުވާކަމަށް ބުނެފައެވެ. އެހެން ބައެއްގެ ޙަމަލާތަކުން ރައްކާތެރިވުމަށް އެ ޤައުމަށް ލިބިފައިވާ ޤާބިލުކަމާމެދު ހިތްހަމަޖެހޭކަމަށްވެސް އިންޑިޔާއިން ބުނެއެވެ. އިންޑިޔާއަށް ލިބިފައިވާ އަސްކަރީ ޤާބިލުކަން މި އަހަރުގެ ތެރޭގައި އިތުރުވާނެކަމަށާއި މި އަހަރުގެ ތެރޭގައި އިތުރު މިސައިލުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުގެ އިތުރުން ނިޔުކްލިޔަރ ސަބްމެރީނެއް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ޤައުމުންވަނީ ބުނެފައެވެ. އިންޑިޔާއިން ބުނީ ނިޔުކްލިޔަރ ހަތިޔާރަށްވުރެ ބެލިސްޓިކް މިސައިލާއި ނިޔުކްލިޔަރ ސަބުމެރިންފަދަ ހަތިޔާރުތަކުން އެ ޤައުމުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދޭކަމަށެވެ.

ރަޝިޔާއާއި އެމެރިކާ ފިޔަވައި ނިޔުކްލިޔަރ ހަތިޔާރު އުފައްދާފައިވާ އެހެން ޤައުމުތަކުންވަނީ އައު ހަތިޔާރުގެ ނިޒާމުތައް ތަޢާރަފުކުރުމުގެ މަސައްކަތްތައް ފަށައިފައެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ޗައިނާގެ ހަތިޔާރު އިތުރުކޮށް އަސްކަރީ ޤާބިލުކަން ވަރުގަދަކުރުމަށް އެ ޤައުމުން މަސައްކަތްކުރަމުންދާކަމަށެވެ. އިންޑިޔާއާއި ޕާކިސްތާނުންވެސް ހަތިޔާރު އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

އެސްއައިޕީއާރުގެ ދިރާސާ ނެރެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޗައިނާއާއި އިންޑިޔާގެ ސަރަޙައްދީ ރޮނގުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވަނިކޮށެވެ. އެ މައްސަލައަށް ނިމުމެއް އައުމަށް ގާތްވެފައިވާކަމަކަށް ނުބެލެވެއެވެ. އޭގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާނުންވެސްވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޙަމަލާތަކެއް ބަދަލުކޮށްފައެވެ.