ޚަބަރު

ޢިރާޤުގައި އިޢުލާނުކޮށްފައިވާ ހަނގުރާމައިގެ ޙާލަތު ނިމުމަކަށް ގެންނަން ބައިޑަންގެ ތާޢީދު


2002ވަނަ އަހަރު ޢިރާޤާ ދެކޮޅަށް ހަނގުރާމަ ފެށުމަށް މަގުފަހިކޮށްދިން އޮތޮރައިޒޭޝަން ފޮރ ދަ ޔޫސް އޮފް މިލިޓަރީ ފޯސް، އޭޔޫއެމުއެފުގެ ޤާނޫނު އުވައިލުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަށް ތާޢީދުކުރައްވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި އެމެރިކާއިން ބުނެފައިވަނީ 2002ވަނަ އަހަރު ޤާއިމުކުރި އޭޔޫއެމުއެފުގެ ޤާނޫނު އުވައިލުމަށް ސަރުކާރުން ތާޢީދުކުރާކަމަށާއި އެ ޤާނޫނުގެ މައްޗަށް ބަރޯސާވެގެން އެމެރިކާއިން އެއްވެސް އަސްކަރީ ޙަރަކާތްތަކެއް މިހާރު ކުރިޔަށްނުގެންދާކަމަށެވެ. އެ ޤާނޫނު އުވައިލުމުން އެމެރިކާގެ އަސްކަރީ ޙަރަކާތްތަކަށް ބޮޑު އަސަރެއް ނުކުރާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ ޤާނޫނުއަސާސީގެ ދަށުން ހަނގުރާމަ އިޢުލާނުކުރުމުގެ ބާރު ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް ލިބިދެއެވެ. ނަމަވެސް ޤާނޫނުހަދާ މަޖިލީހުން ވަކި މުއްދަތެއް ނެތްގޮތަށް އޭޔޫއެމުއެފުގެ ޤާނޫނުތައް ފާސްކުރުމުން ފާއިތުވި އަހަރުތަކުގެ ތެރޭގައި އެއީ ސިދާ ރައީސަށް ލިބިފައިވާ ބާރަކަށްވަނީ ބަދަލުވެފައެވެ. އޭގެ ތެރޭގައި 2002ވަނަ އަހަރު ޢިރާޤާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ފާސްކުރި އޭޔޫއެމްއެފާއި 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ހާދިޘާއަށްފަހު އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަމާއި އަލްޤައިދާއާ ދެކޮޅަށް ހަނގުރާމަކުރުމަށް ފާސްކުރި އޭމުޔޫއެފު ހިމެނެއެވެ. އެ ޤާނޫނުތައް އުވައިލުމަށް ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތްކުރާތާ އަހަރުތަކެއްވަނީ ވެފައެވެ.

އެމެރިކާގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގިނަ ދުވަސްތަކެއްވެފައިވާ ޙުއްދަތައް ބާޠިލުކުރުމަށް ޤާނޫނުހަދާ މަޖިލީހާއެކު ބައިޑަން މަސައްކަތްކުރައްވާނެކަމަށާއި އެ ޤާނޫނުތަކުގެ ބަދަލުގައި އެއަށްވުރެ ހަނި އަދި މުހިންމު ޤަވާއިދުތަކެއް އެކުލަވާލާނެކަމަށެވެ. އޭގެ ބޭނުމަކީ މުސްތަޤްބަލުގައި ޤައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ފުރުޞަތު ދިނުންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޢިރާޤުގައި ހަނގުރާމަކުރުމަށް މީގެ 19 އަހަރުކުރިން ފާސްކުރި ޤާނޫނު އުވައިލުމަށް މި ހަފުތާގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ވޯޓަށް އަހާނެއެވެ. ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ގޮތެއް ނިންމާނީ ކޮންއިރަކުކަމެއް ސާފުވެފައެއް ނުވެއެވެ.