ޗައިނާގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ހުޅަނގުގެ އަސްކަރީ އިއްތިޙާދު ނޭޓޯއިން ބުނެފިއެވެ.
އެމެރިކާގެ ވެރިކަމާ ޖޯ ބައިޑަން ޙަވާލުވެވަޑައިގެންނެވިފަހުން ބޭއްވި ނޭޓޯގެ ފުރަތަމަ ބައްދަލުވުމަށްފަހު އެ އިއްތިޙާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ މަޤްޞަދުތަކާއި އެ ޤައުމުގެ ޢަމަލުތަކުން ޤާނޫނާއި ޤަވާޢިދުތަކުގެ މައްޗަށް ބިނާކޮށްފައިވާ ބައިނަލްއަޤްވާމީ ތަރުތީބަށް ހުރަސްއެޅޭކަމަށެވެ. އަދި ނޭޓޯގެ ސަލާމަތީ މަޤްޞަދުތަކަށް އޭގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ޗައިނާއާ ގުޅޭގޮތުން އެ ބަޔާނުގައި ނޭޓޯއިން ބޭނުންކޮށްފައިވަނީ ވަރަށް ހަރުކަށި އިބާރާތްތަކެކެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ވެރިކަމުގައި ނޭޓޯއާ އެމެރިކާއާ ދެމެދު އޮތް ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެ، ނުތަނަވަސްވެފައެވެ. ނަމަވެސް ނޭޓޯގެ ބައްދަލުވުމުގެ ކުރިން އިނގިރޭސިވިލާތުގައި ބޭއްވި ޖީ7ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިޑަންވަނީ ނޭޓޯއަކީ އެމެރިކާގެ ވަރަށް މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވެ، އެމެރިކާއިން ވިލާތުގެ އިއްތިޙާދަށްވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ޖީ7 ބައްދަލުވުމަށްފަހު ބެލްޖިޔަމުގައި ބޭއްވި ނޭޓޯގެ ބައްދަލުވުމުގައި ބައިޑަންވަނީ ހަމަ އެ މޭރުމުން ވާހަކަދައްކަވައިފައެވެ. އެ ގޮތުން ނޭޓޯއިން ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށްވެސް އޭނާވަނީ ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވީ ނޭޓޯގެ ޤައުމުތަކުން ގުޅިގެން ކުރާ ދިފާޢީ މަސައްކަތްތަކަށް އެމެރިކާއިން ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭނެކަމަށާއި ވިލާތުގެ އިއްތިޙާދާއެކު އެމެރިކާ އަބަދުވެސް އޮންނާނެކަމަށެވެ. އަދި ނޭޓޯގެ ޤައުމުތައް ދިފާޢުކުރުމުގައި އެމެރިކާއިން ދެމިއޮންނާނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބައިޑަން އިތުރަށް ވިދާޅުވީ ޗައިނާއާއި ރަޝިޔާއިން މަސައްކަތްކުރަނީ ނޭޓޯގެ ޤައުމުތަކުގެ މެދުގައި މައްސަލަ އުފެއްދުމަށްކަމަށެވެ. އޭނާ ވިދާޅުވީ ރަޝިޔާއާއެކު އޮތް ނުތަނަސްކަން އިތުރުކުރުމަށް ބޭނުން ނުވި ނަމަވެސް ރަޝިޔާއިން ގެއްލުންހުރި ޢަމަލުތައް ކުރާނަމަ ނޭޓޯއިން ރައްދު ދޭން ތައްޔާރަށް އޮތްކަމަށެވެ. އޭގެ އިތުރުން ޔޫކްރެއިންނާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ މައްސަލަތަކުގައި އެމެރިކާއާއި ނޭޓޯއިންވެސް ވާގިވެރިވާނީ ޔޫކުރެއިންނަށްކަމަށް އޭނާ ވިދާޅުވިއެވެ.
ނޭޓޯގެ ސެކެޓުރީ ޖެނެރަލް ޔެންސް ސްޓޮލްޓުންބާގު ވިދާޅުވީ ބެލްޓިކް ކަނޑުން ފެށިގެން އެފްރިކާއަށް ޗައިނާގެ އަސްކަރީ ޙަރަކާތްތައް އިތުރުކޮށްފައިވާކަމަށާއި އެހެންކަމުން ނޭޓޯއިން ތައްޔާރަށް ތިބެންޖެހޭކަމަށެވެ. ދުވަހަކަށްވުރެ ދުވަހަށް ޗައިނާއިން ދަނީ ހުޅަނގުގެ ޤައުމުތަކާ ކައިރިވަމުންކަމަށާއި ހުޅަނގުގެ އުމުރާނީ ތަރައްޤީއަށް ޗައިނާއިން ބޮޑެތި ޚަރަދުކުރާ މަންޒަރު ފެންނަމުންދާކަމަށާއި އެ ކަމަށް ސަމާލުވުމަށް އޭނާ ގޮވާލެއްވިއެވެ.