ކުޅިވަރު

މެޗުން ބަލިވީ ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފުމުން - ރޮބަޓްސަން



ޔޫރޯ 2020 ގްރޫޕް ޑީގައި ސްކޮޓްލަންޑާއި ޗެކް ރިޕަބްލިކް ބައްދަލުކުރިމެޗުން ބަލިވީ މެޗްގައި ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފުމުންކަމަށް ސްކޮޓްލަންޑްގެ ކެޕްޓަން އެންޑީ ރޮބަޓްސަން ހާމަކޮށްފިއެވެ. މިމެޗް ޗެކް ރިޕަބްލިކް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ސްކޮޓްލަންޑުން އުފެއްދި ގިނަ ހަމަލާތައް ނާކާމިޔާބު ވުމުގެ އަސްލަކަށްވީ ޗެކް ރިޕަބްލިކްގެ ކީޕަރ ތޯމަސް ވެކްލިކްގެ ހުޝިޔާރުކަމެވެ. އޭނާވަނީ ގިނަ ހަމަލާތަކެއް ރޭގެމެޗްގައި ދިފާއުކޮށްފައެވެ. ރޮބަޓްސަން ބުނީ ރޭގެމެޗަށް ސްކޮޓްލަންޑް ޓީމް ނިކުތީ ގިނަ ދުވަސްތަކަކަށްފަހު ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށްވީތީ ވަރަށް ފޯރިއާއެކު ކާމިޔާބީ ހޯދުމަށްކަމަށެވެ. އަދި މިމެޗްގައި ސްކޮޓްލަންޑުން ފުރުސަތު ނުހޯދާ ކަމަށް ނުވަތަ މޮޅަށް ނުކުޅޭކަމަށް ނުދެއްނެވޭނެ ކަމަށާއި ހަމައެކަނި މައްސަލައަކަށްވީ ލިބުނު ފުރުސަތުގެ ބޭނުން ނުހިފުންކަމަށެވެ. އަދި އެލިބުނު ފުރުސަތުތަކުގެ ބޭނުން އެއަށް ވުރެ ރަނގަޅަށް ހިފުނު ނަމަ ރޭގެ މެޗްގެ ނަތީޖާ ވަރަށް ބޮޑަށް ތަފާތުވެގެން ދިޔައީސްކަމުގައިވެސް ރޮބަޓްސަން ބުންޏެވެ. ސްކޮޓްލަންޑްގެ މެދުތެރެއަށް ކުޅޭ ސްޓުއަޓް އާމްސްޓްރޯންގ ބުނީ ޗެކް ރިޕަބްލިކުން މިމެޗްގައި ކުޅުނީ ވަރަށް ވިސްނައިގެންމަށެވެ. އަދި ރޭގެ މެޗުން ސްކޮޓްލަންޑް ޓީމުން ތަޖްރިބާތަކެއް ހާސިލް ކުރަންޖެހޭ ކަމަށާއި ކުރިއަށް އޮތް މެޗަށް ކުދި ކުދި ބައެއް ބަދަލު ގެނެސްގެން މިއަށްވުރެ ރަނގަޅު ކުޅުމެއްދައްކާ ރަނގަޅު ނަތީޖާއެއް ހޯދިދާނެކަމަށެވެ.

ޗެކް ރިޕަބްލިކްގެ ކޯޗް ޔަރޮސްލާވް ސިލްހަވީ ބުނީ ރޭގެ މެޗު ކާމިޔާބު ވުމުގެ އެންމެ ބޮޑު ބައެއް ކުޅުނީ މެޗްގެ ކުރީކޮޅު ސްކޮޓްލަންޑުން އުފައްދަމުންދިޔަ ހަމަލާތައް ކާމިޔާބުވިޔަ ނުދީ ހިފެހެއްޓުންކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ރަށުން ބޭރުގައި ކުޅޭއިރު އަބަދުވެސް ބޭރުން އަންނަ ޓީމަށް މެޗްގެ ތެރެއަށް ވަދެވެން ވަގުތުކޮޅެއް ނަގާނެކަމަށާއި އެވަގުތު ރަށު ޓީމުން ކުރިމަތި ކުރުވާ ޕްރެޝަރ ޕްރެޝަރ ކުޑަ ކުރެވިގެންނޫނީ މެޗެއްގައި ކާމިޔާބީ ނުލިބޭނެކަމަށެވެ. އަދި ރޭގެ މެޗުގައި އޭނާގެ ޓީމްގެ ފަރާތުން އެކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށެވެ. މިމެޗްގައި ޗެކް ރިޕަބްލިކްގެ ދެލަނޑު ޖަހައިދިން ޕެޓްރިކް ޝިކް ބުނީ ޗެކް ރިޕަބްލިކްގެ ޓީމާއި ދެކޮޅަށް އިދިކޮޅު ޓީމަށް ކުޅެން ފަސޭހަ ނުވާނެކަމަށާއި އޭގެ އެންމެ ބޮޑު އެއްސަބަބަކަށް ވަނީ އެޓީމުގައި ހިތްވަރާއެކު މަސައްކަތް ކުރާ ކުޅުންތެރިން ގިނަވުން ކަމަށެވެ. އަދި ރޭގެ މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑު ޖެހިއިރު ކީޕަރު ގޯލުން ނުކުމެ ހުރިތަން ފެނުމުން ބޯޅަ ގޯލަށް ޖެހީކަމަށެވެ. އަދި ފުރަތަމަ ހާފްގައިވެސް ސްކޮޓްލަންޑްގެ ކީޕަރ ވަރަށް ކުރިއަށް އަރާ ހުންނަކަން ފާހަގަ ކުރެވިފައިވިކަމަށް އޭނާ ހަމަކުރިއެވެ. ރޭގެ މެޗްގައި ޝިކް ޖެހި ދެވަނަ ލަނޑު ގިނަ ބަޔަކު ސިފަކުރަނީ ޔޫރޯގައި ޖެހިފާވާނެ އެންމެ ރީތި އެއްގޯލްގެ ތެރޭގައެވެ. މެދުރޮނގާ ހިސާބުގައި ކަހަލަ ގޮތަކަށް ހުރެފާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރަށް މަތަކުރާނެ އެއްވެސް ފުރުސަތެއް ނުލިބިއެވެ.