ކުޅިވަރު

ފިލިޕީންސް މެޗަކީ ދިވެހި ފުޓްބޯޅައަށްވެސް މުހިންމު މެޗެއް - ދަގަނޑޭ


ފިލިޕީންސް މެޗަކީ ދިވެހި ފުޓްބޯޅައަށްވެސް މުހިންމު މެޗެއްކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ފޯވާޑް ޢަލީ އަޝްފާގު ބުނެފިއެވެ.

ޤައުމީ ޓީމް މިހާރު ތައްޔާރުވަމުންދަނީ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ފިލިޕީންސާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ. މި މެޗަށް ނިކުންނައިރު ދާދިފަހުން ޓީމާއި ގުޅުނު ޢަލީ އަޝްފާގު ވަނީ ޓީމާއެކު 5 ދުވަހު ފަރިތަކޮށްފައެވެ. އަޝްފާގު އެނބުރި ޓީމާއި މި ގުޅުނީ މިދިޔަ މަހުގެ ފަހުކޮޅު ކޮވިޑް 19އަށް ޕޮޒިޓިވްވެ ޓީމާއި އެކަހެރިވުމަށްފަހު ފުރިހަމަ ކުރަންޖޭހޭ ދުވަސް ފުރިހަމަކޮށް ނެގަޓިވް ނަތީޖާ މިދިޔަ ހަފްތާގައި ލިބުމެވެ.

ޤައުމީ ޓީމުން އެންމެ ފަހުން ޗައިނާއާއި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަޝްފާގުވަނީ ކުޅެފައެވެ. ކުރިއަށް އޮތް ފިލިޕީންސް މެޗާއި ގުޅޭގޮތުން ރާއްޖޭގެ އެއްވަނަ ފޯވާޑް އަޝްފާގު ބުނީ މި މެޗަކީ ހުރިހާ ގޮތަކުންވެސް މުހިންމު މެޗެއްކަމަށާއި، މިއީ ދިވެހިރާއްޖޭގެ ފުޓްބޯޅައާއި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ މެޗެކެވެ. މިހާރު ޓީމު އޮތް ހާލަތާއި ސަޕޯޓަރުންގެ އުއްމީދުތައް ވެސް މި މެޗާއި ގުޅިފައިވާކަމަށް އޭނާ ބުންޏެވެ. އަޝްފާގު ބުނީ ހުރިހާ ވެސް އަމާޒަކީ މި މެޗު ކާމިޔާބުކުރުން ކަމަށެވެ.

"މި މެޗަކީ ވަރަށް މުހިންމު މެޗެއް ދިވެހި ފުޓްބޯޅައަށްވެސް އިރާދަކުރެއްވިއްޔާ މި މެޗު ކާމިޔާބުކޮށްގެން ފައިބާނީ، ސަޕޯޓަރުންނަށް ބުނެލާނީ އަބަދުވެސް ޤައުމީ ޓީމަށް ސަޕޯޓްދޭ ގޮތަށް މި މެޗުގައިވެސް ދިވެހި ޓީމަށް ސަޕޯޓްކޮށްދެއްޗޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކުޅުންތެރިންވެސް ހިތްވަރުކުރާނެ." ޢަލީ އަޝްފާގް ބުންޏެވެ.