ވިޔަފާރި

މިދިޔަމަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދަށް ބޮޑު ކުރިއެރުމެއް


މިދިޔަމަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ދެގުނައަށް އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ 104 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަދަދަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މޭމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާ މުދަލެވެ. މިއަދަދު ނިމުނު މެއިމަހު ވަނީ 3.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 105 އިންސައްތަ އިތުރު އަދަދެކެވެ.

ހުސްވިމަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކެެެވެ. އެގޮތުން 610 މިލިއަން ރުފިޔާގެ ކާބޯތަކެތިވަނީ މިދިޔަ އޭޕްރީލްމަހު ރާއްޖެއަށް އެތެރެކޮށްފައެވެ. ދެން އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 575 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައްވަނީ މެއިމަހު ރާއްޖެއަށް އެތެރެކޮށްފައެވެ. 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެެތެރެކޮށްފައި ވަނީ މެޝިނަރީއާއި އެކި ބާވަތްތަކުގެ ކަރަންޓް ސާމާނެވެ. އެއީ 551 މިލިއަން ރުފިޔާއެވެ.

އިމްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވުމާއެކު ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ ދެ ގުނައަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއިމަހު 117 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިދިޔަ މޭމަހު ދައުލަތަށް ވަނީ 238 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ 104 އިންސައްތަ އިތުރު އަދަދެކެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން އަދި ޔޫ.އޭ.އީއެވެ. އެގޮތުން އިންޑިއާއިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާންއިން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީން 377 މިލިއަން ރުފިޔާގެ މުދާ މިދިޔަމަހު ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

ތަފާސް ހިސާބުތައް ދަައްކާގޮތުން ހުސްވިމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއިމަހު ރާއްޖެއިން 174 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މިއަހަރުގެ މެއިމަހު ރާއްޖެއިން ވަނީ 333 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މިއީ 91 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެެވެ. މެއިމަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 223 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް ވަނީ ހުސްވި މެއިމަހު ރާއްޖެއިން ބޭރުކޮށްފައެވެ.

ދެން އެންމެ ގިނަ އަދަދަކަށް ރާއްޖެއިން ބޭރުކޮށްފައިވަނީ ގަނޑުކުރި ރީނދޫ އުރަހަ ކަންނެއްޔެވެ. އެގޮތުން ހުސްވި މަސް ތެރޭ ރާއްޖެއިން 26 މިލިއަން ރުފިޔާގެ ރުފިޔާގެ ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި ވަނީ ބޭރުކޮށްފައެެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން މި މުއްދަތުގައި ރާއްޖެއިން ބޭރުކޮށްފައިވާ ޖުމްލަ މުދަލުގެ 80 އިންސައްތައަކީ ތައިލޭންޑަށް އެކްސްޕޯޓްކޮށްފައިވާ މުދަލެވެ. ދެން އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އެގޮތުން 5 އިންސައްތަ މުދާ ބޭރުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ.