ކުޅިވަރު

ޕޮލެންޑްގެ މައްޗަށް ސްލޮވާކިއާއިން ކުރި ހޯދައިފި


އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޕޮލެންޑްގެ މައްޗަށް ކުރި ހޯދައި ސްލޮވާކިއާއިން ފެށުން ރަގަނޅުކޮށްފިއެވެ.

ސްލޮވާކިޔާ މެޗު ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ. މިއީ މިހާތަނަށް ސްލޮވާކިއާއަށް ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ހޯދުނު ދެވަނަ މޮޅެވެ. އެޓީމް ފުރަތަމަ މޮޅު ހޯދާފައިވަނީ ރަޝިޔާއާއި ވާދަކުރި މެޗް ކާމިޔާބުކޮށްގެންނެވެ. ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ރަގަނޅަށް ކުޅެފައިވަނީ ސްލޮވާކިއާއިންނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ޕޮލެންޑްގެ ރޮބަރޓް ލެވަންޑޯސްކީއަށް މެޗުގައި މާރަގަނޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ. އަދި ލެވަންޑޯސްކީ ހުއްޓުވުމުގައި ސްލޮވާކިއާގެ ޑިފެންސަށް ކުޅެމުންދިޔަ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ. މެޗްގައި ސްލޮވާކިއާއަށް ލީޑް ލިބުނީ މެޗްގެ 18ވަނަ މިނެޓްގައި ރޮބާޓް މަކް ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައިންނެވެ. މިލަނޑަކީ ރޮބާޓް މަކް ގޯލްގެ އަތިމަތީގައި ހުރެފައި ފޮނުވާލި ހަމަލާ، ގޯލްގެ އަރިމަތީ ދަނޑީގައި ޖެހިފައި، ޕޮލެންޑްގެ ގޯލް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ކީޕަރެއްގެ އަތުން ބައިކޮޅަށް ގޯލެއް ވަން ފުރަތަމަ ފަހަރެވެ.

މެޗްގައި ސްލޮވާކިއާއިން ލީޑް ނެގުމާއި ގުޅިގެން ޕޮލެންޑުން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އަދި ޕޮލެންޑްގެ ކުޅުންތެރިންނަށް މާ ނުރައްކާތެރި ހަމަލާއެއް މެޗުގައި އުފެއްދިފައެއް ނުވެއެވެ.

މެޗްގެ ދެވަނަ ހާފް ޕޮލެންޑުން ފެށީ ފުރަތަމަ ހާފްގައި ކުރަމުންދިޔަ މަސައްކަތް ތަކުރާރު ކުރަމުންނެވެ. އެގޮތުން ދެވަނަ ހާފް ފެށިގެން މިނެޓެއްވެސް ނުވަނީސް ޕޮލެންޑުން ވަނީ ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ޕޮލެންޑަށް ކާމިޔާބުކޮށްދިނީ ކެރޯލް ލިނޭޓީއެވެ.

ޕޮލެންޑުން ޖެހި ލަނޑާއެކު މެޗްގެ ފޯރި އތުރަށް ގަދަވިއެވެ. އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޕޮލެންޑުން ފުރަތަމަ ފަހަރަށް ލީޑް ނެގޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެޓީމް ކުރަމުންދިޔަ މަސައްކަތަށް އިތުރު ހީނަރުކަމެއް ގެނުވީ މެޗްގެ 63ވަނަ މިނެޓްގައި ޕޮލެންޑް ކްރިކޯވިއަކަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލުމުންނެވެ. ކްރިކޯވިއަކަށް ފުރަތަމަ ރިނދޫ ކާޑް ދައްކާފައިވަނީ ފުރަތަމަ ހާފްގެ 22ވަނަ މިނެޓްގައެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޕޮލެންޑުން މެޗުން މޮޅުވުމަށް ކުރަމުންދިޔަ މަސައްކަތް ދެ ގުނަ އިތުރު ކުރަންޖެހުނެވެ. ކްރިކޯވިއަކަށް ރަތް ކާޑު ދެއްކިތާ 6 މިނެޓްފަހު ސްލޮވާކިއާއިންވަނީ މެޗްގައި ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސްކްރިނިއާއެވެ. ސްލޮވާކިއާގެ ދެވަނަ ލަނޑާއެކު ޕޮލެންޑުން ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ރެފްރީ ފަހު ކަށި ގަނޑާއި ހިސާބަށް ދިޔައިރުގައި ވެސް ޕޮލެންޑަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.