ކުޅިވަރު

ޝިކްގެ ނަލަ ގޯލް ތާރީހުގެ ތެރެއަށް، ޓީމަށް މޮޅެއް


ޔޫރޯގައި މުބާރާތުގައި މިރޭ ޕެޓްރިކް ޝިކް ޖަހާދިން ހިތްގައިމު ދެ ގޯލާއި އެކު ޗެކް ރިޕަބްލިކްވެސް 3 ޕޮއިންޓް ޔަޤީންކޮށްފިއެވެ.

ގްރޫޕް ޑީގައި ޗެކް ޓީމުން ނުކުތީ ސްކޮޓްލޭންޑާއި ދެކޮޅަށެވެ. މި ފަދަ ބޮޑު މުބާރާތެއްގައި ސްކޮޓްލޭންޑް ވާދަ މިކުރީ 23 އަހަރަށް ފަހުއެވެ. އެ ޤައުމުން މިފަދަ ބޮޑު މުބާރާތެއްގައި އެންމެ ފަހުން ވާދަކުރީ 1998ގެ ވޯލްޑް ކަޕްގައެވެ.

ސްކޮޓްލެންޑްގެ ހެމްޕްޑެން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗް ފަށައިގެންވެސް ދެ ޓީމުވެސް ކުރިޔަށް ޖެހި ގޯލް ޖަހަން މަސައްކަތްކުރި ތަން ފެނުނެވެ. ހާއްސަކޮށް ޗެކް ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އަވަސް ކުޅެމެކެވެ.

ޗެކްގެ އަވަސްކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީވެސް އެ ޓީމުންނެވެ. މެޗްގެ 15 ވަނަ މިނެޓްގައި އޭރިޔާގެ ބޭރުން ޗެކްގެ ޕެޓްރިކް ޝިކް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސްކޮޓްލޭންޑްގެ ކީޕަރު ޑޭވިޑް މާޝަލްއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ސްކޮޓްލޭންޑްގެ ލީންޑަން ޑައިކްސް ވަނީ ނުރައްކާތެރި ހަމަލާއެއް ޗެކްގެ ގޯލަށް ފޮނުވާލާފައެވެ. އެހެންނަމަވެސް މި ހަމަލާ ގޯލަށް އަމާޒުނުވެ ގޯލްގެ އަރިމަތިން ދިޔައީ ބޭރަށެވެ.

ސްކޮޓްލޭންޑް ޓީމުން ކުރިއަރާ އަނެއްކާވެސް ޗެކްގެ ގޯލަށް ނުރައްކާ ކުރިއެވެ. މިފަހަރު ސްކޮޓްލޭންޑްގެ ކެޕްޓަން ރޮބަޓްސަން ފޮނުވާލި ބޯޅަ މަތަކޮށް އެ ފުރުސަތު ގެއްލުވާލީ ޗެކް ރިޕަބްލިކްގެ ގޯލްކީޕަރު ތޯމަސް ވަސްލިޗްއެވެ.

ސްކޮޓްލޭންޑުން ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާ ޗެކްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެހެންނަމަވެސް ޗެކްގެ ޓީމުން މެޗްގެ ތެރެއަށް ވަދެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެކްގެ ޓީމުންވަނީ މެޗްގެ ލީޑް ނަގާފައެވެ.

މެޗްގެ 42 ވަނަ މިނެޓްގައި އަރިމަތިން ނަގައިދިން ހުރަހެއް ބޮލުން ޖަހާ ސްކޮޓްލޭންޑް ގޯލް ފޫއަޅުވާލީ ޕެޓްރިކް ޝިކްއެވެ.

މެޗްގެ ދެވަނަ ހާފް ފަށާ ގޯލް ޖަހަން އެންމެ ރަނގަޅު ފުރުސަތުތަކެއްވެސް ލިބުނީ ޗެކް ޓީމަށެވެ.އެހެންނަމަވެސް ބާރު މިހަމަލާތައްވެސް ސްކޮޓްލޭންޑްގެ ކީޕަރު ޑޭވިޑް މާޝަލް ވަނީ މަތަކޮށްފައެވެ.

މެޗްގެ ނަތީޖާ ހަމަކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސްކޮޓްލެންޑް ޖެކް ހެންޑްރީއަށެވެ. އެހެންނަމަވެސް އެނާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލް ހުރަސް ދަނޑިއަށެވެ. މެޗުގައި ޗެކް ރިޕަބްލިކް ޖެހި 2 ވަނަ ލަނޑުވެސް ޓީމަށް ކާމިޔާބު ކޮށްދީނީ ޝިކްއެވެ. މެޗްގެ 52 ވަނަ މިނެޓްގައި ޝިކް ޖެހި މިގޯލަކީ މިހާތަނަށް ޔޫރޯގެ ތާރީހުގައިވެސް ޖެހި އެންމެ ނަލަ އެއް ގޯލެވެ.

ޝިކް މި ގޯލް ކާމިޔާބުކުރީ ހާފުގެ މެދެއްހާ ހިސާބުގައި ހުރެގެންނެވެ. ސްކޮޓްލެންޑްގެ ސެމީ ކާސަލް ޖެހި ޝޮޓް ބޮލޮކްވެ އެ ބޯޅަ ލިބުނީ ޝިކްއަށެވެ. އެވަގުތު ސްކޮޓްލޭންޑްގެ ކީފަރު ޑޭވިޑް މާޝަލް ކުރިޔަށް އަރާ އޮތުމުން ޝިކް ވަނީ ފަސޭހަކަމާއި އެކު އެބޯޅަ މާޝަލް ބޯމަތިން ހުސްކޮށް އޮތް ގޯލަށް އޮއްސާލާފައެވެ.

މެޗް ނިމުމުގެ ކުރިން ޝިކް އަށް މެޗްގައި ހެޓްރިކް ހަދާނެ ފުރުުސަތުވެސް ލިބުނެވެ. އެހެންނަމަވެސް ޝިކް ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު މާޝެލް އަތަށެވެ.

މި މެޗުން ބަލި ސްކޮޓްލެންޑް އެންމެފަހު ޔޫރޯގައި ވާދަކުރީ 1996 ވަނަ އަހަރުއެވެ.