ޚަބަރު

މަސްތުގެ ހާލަތުގައި މިސްކިތްތަކުގައި ތިބި 15 މީހަކު ހައްޔަރުކޮށްފި


މަސްތުގެ ހާލަތުގައި މިސްކިތްތަކަށް ވަދެ ތިބި 15 މީހަކުން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ކުށުގެ ރިކޯޑް އޮންނަ ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ބޭނުމެއް ނެތި މިސްކިތްތަކަށް ވަދެ އަދި މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތުކުރެވޭ 15 މީހަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މިމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ ބާކީ ތިބި 8 މީހުން ކަސްޓޯޑިއަލް ޖަލެއްގައި 3 ދުވަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. މިމައްސަލަ ފުލުހުން ދަނީ ތަޙްޤީގުކުރަމުންނެވެ.

މަސްތުގެ ހާލަތުގައި މިސްކިތްތަކުގައި ތިބި ބަޔަކު ހައްޔަރުކޮށްފައިވާއިރު ފަހަކަށް އައިސް މިސްކިތްތަކުގައި ނިދުމާއި އެއްޗެތި ދޮވުމުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ މިސްކިތުގެ ޙުރުމަތްކެނޑޭ ކަންކަން ބައެއް މީހުން ކުރާކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިސްކިތްތައް ބަލާ އެފަދަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާކަމަށައި ފިޔަވަޅުވެސް އަޅަމުންދާނެކަމަށެވެ.