ޚަބަރު

12 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރަނީ


އޯޕެކް ފަންޑުން
ސަރުކާރަށް ލޯނުގެ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން 12 ރަށެއްގައި ފެނާއި
ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ނިންމަވައިފިއެވެ.

ފިނޭންސް
މިނިސްޓްރީން މިހާރު ވަނީ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް
ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައެވެ.



ފެނާއި ނަރުދަމާގެ
ނިޒާމް ޤާއިމްކުރުމަށް ނިންމާފައިވަނީ ރ. ހުޅުދުއްފާރު ، ބ ތުޅާދޫ ، ނ،
ވެލިދޫ ، އަދި ގއ ކޮލަމާފުށީގައެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ނަރުދަމާގެ
ވިޔުގަ ޤާއިމުކުރުމާއި، ފެނުގެ ވިޔުގަ އެޅުމާއި،
ބޯ ހޯލް ހެދުމާއި، ފެން ނަގާ ރައްކާކުރާނެ ޓޭންކް ޤާއިމުކުރުމާއި، 02 އާރް.އޯ ޕްލާންޓް
ޔުނިޓް އިންސްޓޯލްކުރުން ހިމެނެއެވެ. މީގެ އިތުރުން އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް
ކުރުންވެސް ހިމެނެއެވެ.



އޮފިޑް ފަންޑުން
ވަނީ ނ.ހޮޅުދޫ، ރ.އިނގުރައިދޫ، ބ.ކެންދޫ، ކ.ގާފަރު، ރ.މާކުރަތު، ކ.ދިއްފުށި އަދި ނ.މާފަރު
ގައި ލޮނުފެނުން މީރުފެން އުފައްދާ އާރް.އޯ ޕްލާންޓާއި ފެން ރައްކާކުރާ ޓޭންކް ބަހައްޓައި
އިޖްތިމާއީ އިސްކުރުބަރީގެ އެހީގައި ފެން ފޯރުކޮށްދޭ ނިޒާމެއް ޤާއިމްކުރުމަށް އެންވަޔަރަންމަންޓް
މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއަށް
ބޭނުންވާ ފައިސާ ވެސް ހަމަޖެހި މި މަސައްކަތް
ކުރުމަށްވެސް ނިންމާފައެވެ.



މީގެ އިތުރުން ގދ
ގައްދޫގައި ވެސް އޮފިޑް ފަންޑުގެ ލޯނުއެހީގެ ދަށުން ނަރުދަމާ ނިޒާމް
ޤާއިމްކުރުމަށް ނިންމާ މަސައްކަތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ
ފުރުޞަތުވަނީ ހުޅުވާލާފައެވެ.



2016 ވަނަ
އަހަރުގެ ބަޖެޓުންވެސް 20 ރަށެއްގެ ނަރުދަމާ އަދި 20 ރަށެއްގައި ފެނުގެ ނިޒާމް
ޤާއިމްކުރުމުގެ މަސައްކަތް ފެށޭނެކަމަށް އެންވަޔަރމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމްވެސް
ވަނީ ވިދާޅުވެފައެވެ.