ކޯވިޑް-19އާ ދެކޮޅަށް ބޭނުންކުރުމަށް ތައިލޭންޑުގައި އުފައްދާ އެސްޓުރަޒެނެކާ ވެކްސިން އެ ޤައުމުން ބޭރުކުރުމަށް އެއްވެސް ހުރަހެއް ނާޅާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެސްޓުރަޒެނެކާއިންވަނީ 200 މިލިޔަން ޑޯޒު އުފެއްދުމަށް ތައިލޭންޑުގެ ސިޔާމު ބަޔޯސައިންސް ކުންފުންޏާ ޙަވާލުކޮށްފައެވެ. ނަމަވެސް ތައިލޭންޑުގައި ވެކްސިން އުފެއްދުމުގައި ލަސްތަކެއްވަނީ ކުރިމަތިވެފައެވެ. ފިލިޕީންސާއި މެލޭޝިޔާއިންވެސްވަނީ ތައިލެންޑުން ވެކްސިން ލިބުން ލަސްވުމުން ޝަކުވާކޮށްފައެވެ.
ތައިވާނުންވަނީ ތައިލެންޑުން އުފައްދާ ވެކްސިން އެ ޤައުމުގައި ބޭނުންކުރުމަށް ބަހައްޓައި އެހެން ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ހުރަސްއަޅާކަމަށް ތުޙްމަތުކޮށްފައެވެ. ތައިވާނުގެ ސަރުކާރުން ބުނެފައިވަނީ އެ ޤައުމުން އެސްޓުރަޒެނެކާ ވެކްސިންގެ 10 މިލިޔަން ޑޯޒު ހޯދަން އެދިފައިވާކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް އުފައްދަނީ ތައިލޭންޑުގެ ކުންފުނިންކަމަށެވެ. ނަމަވެސް ތައިލޭންޑުން އިސްކަން ދެނީ އެ ޤައުމަށް ބޭނުންވާ މިންވަރަށް ވެކްސިން ކަށަވަރުކުރުމަށްކަމަށް ތައިވާނުގެ ސަރުކާރުންވަނީ ބުނެފައެވެ.
ތައިލޭންޑުގެ ސަރުކާރުން ބުނީ އެ ޤައުމުން އެސްޓުރަޒެނެކާ ވެކްސިން ބޭރުކުރުމަށް އެއްވެސް ހުރަހެއް ނާޅާކަމަށާއި އެކަމަކީ ވެކްސިން އުފައްދާ ކުންފުނިން ނިންމާނެ ކަމެއްކަމަށެވެ. ނަމަވެސް ވެކްސިން އުފައްދާ ކުންފުނީގެ ގޮތުގައި މާނަކުރަނީ އެސްޓުރަޒެނެކާ ކުންފުނިކަމެއް ނުވަތަ ސިޔާމު ބަޔޯސައިންސްކަމެއް ތައިލޭންޑުގެ ސަރުކާރުން ސާފުކޮށްދީފައެއް ނުވެއެވެ.