ޚަބަރު

މޮރޮކޯގެ ސަފީރުކަމަށް ޑރ.ޢާޞިމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް


މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް، ޑރ.ޢާޞިމް އަޙްމަދު އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ހުށައަޅައިފިއެވެ.

ޑރ.ޢާޞިމަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުވެސްމެއެވެ. މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅަ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޑރ.އާޞިމް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޑރ.ޢާޞިމަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޑރ.ޢާޞިމް އަޙްމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ.ޢާޞިމް މީގެ ކުރިން ވަނީ ސަރުކާރުގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައެވެ. އެގޮތުން ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމާއި، މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތްވެސް އަދާކުރައްވާފައެވެ.