ޚަބަރު

ކައުންސިލް އިދާރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއެކު ދަނީ މަސައްކަތްކުރަމުން


މާލެ ސިޓީ ކައުންސިލް އިދާރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް، ސަރުކާރާއެކު މަސައްކަތްކުރަމުން ދާކަމަށް މާލެ ސިޓީގެ އެމްޑީޕީ ކައުސިލަރުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގައި މޭޔަރާއެކު އިންތިޚާބުވި 19 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ލިބިފައިވަނީ 6 ގޮނޑިއެވެ.

އެމްޑީޕީ ކައުންސިލަރުން ނެރުނު ބަޔާނުގައި ބުނީ ސިޓީ ކައުންސިލަށް މިވަގުތު ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި، އިންސާނީ ވަސީލަތް ނެތުމާއި، ޖާގައިގެ ދަތިކަން ހިމެނޭކަން ކައުންސިލަރުން ފާހަގަކުރައްވާފައިވެއެވެ. ސިޓީއެއް ހިންގުމަށް އަސާސީގޮތުން ބޭނުންވާ ޢިލްމާއި، ތަމްރީނު ލިބިފައިވާ ފަންނީ މުވައްޒަފުން ކައުންސިލްގައި ނެތްކަމަށާއި، ކޮންމެ ކައުންސިލަރަކަށް ގޮނޑި، މޭޒާއި، ކޮންޕިއުޓަރުވެސް ނެތްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ކައުންސިލްގެ ޚިދުމަތްތަކާއި، މުއައްޒަފުންނާއި، ސެކްޝަންތަކާއި، ޑިޕާޓުމަންޓުތައް ހުރީ މާލޭގެ އެތައް މިތަނުގައިކަންވެސް ފާހަގަކުރައްވާފައިވެއެވެ.

"އެއް ފުރާޅެއްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެވޭނެ މަގަކުން، މާލޭ ސިޓީ ކައުންސިލާ އެކަށީގެންވާ، ހުރިހާ ކައުންސިލަރުންނަށްވެސް އިށީނދެ، ބައްދަލުވެ، މަސައްކަތް ވެވޭނެ ޖާގަ ހުރި ޢިމާރާތަކުން ސިޓީ ކައުންސިލްގެ ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހޭން ޖެހެއެވެ. އަދި އާރބަން ޕްލޭނަރުންނާއި، އިންޖިނިއަރުންނާއި، ސަރވެޔަރުންނާއި، އައި.ޓީ ސްޕެޝަލިސްޓުންނާއި، އެހެނިހެން ފަންނީ، ސަޕޯޓް ސްޓާފުންވެސް ހަމަޖެހޭން ޖެހެއެވެ. އެކަންކަން ހަމަޖެއްސުމުގައި އަޅުގަނޑުމެން މިދަނީ މާލޭގެ މޭޔަރާއިއެކު މަސައްކަތްކުރަމުންނެވެ. އެމަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަޤީންކުރަމެވެ." އެމްޑީޕީ ކައުންސިލަރުން ނެރުނު ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ކައުންސިލަރުން ވަނީ މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލާލުމުގެ ބޮޑު މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާކަން ފާހަގަކުރައްވައި، އެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ “މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އޮންލައިން ބައްދަލުވުން"ގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްވެސް އެދިވަޑައިގެންފައެވެ. އަދި މާލެއަކީ ހިތްގައިމު، ރައްކާތެރި އަދި އަމާން ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގާންވީގޮތުގެ މައްޗަށް ޚިޔާލާއި، މަޝްވަރާ ދެއްވުމަށް އެދޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީގެ މެންބަރުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ އަސާސްތަކާއި، އަގުތައް ނަގަހައްޓައި، ޕާޓީގެ މެންބަރުންގެ ބަސް ކައުންސިލުން އަޑު އަހަމުންދާނެކަމަށާއި، މަޤާމާ ޙަވާލުވެ ވޭތިވެދިޔަ ކުރު މުއްދަތުގައިވެސް އެގޮތަށް ޢަމަލުކޮށްފައިވާނެކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ފައިދާއާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުން މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަންނަވާނެކަމަށްވެސް ކައުންސިލަރުން ވިދާޅުވެފައިވެއެވެ.