ޚަބަރު

ކޯވިޑުން ރަނގަޅުވެފައި ވިޔަސް ރަށަށްގޮސް ކަރަންޓީނު ވާންޖެހޭ


ކޯވިޑް ޖެހި ރަނަގަޅުވެފައި ތިބޭ މީހުން މާލެ ސަރަހައްދުން އެހެން ރަށަކަށް ދަތުރު ކުރާނަމަ ކަރަންޓީނުވާން ޖެހޭގޮތަށް ނިންމައިފިއެވެ. މީގެ ކުރިން އެޗްޕީއޭއިން ވަނީ ކޯވިޑްޖެހި ރަނގަޅުވިތާ 3 މަސްދުވުގެ ތެރޭގައި ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭނެގޮތް ހަދާފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުގައި މިހާރު މިވަނީ ކޯވިޑުން ރަނގަޅުވެފައިވިޔަސް ރަށަށްގޮސް ކަރަންޓީނުވާން ޖެހޭގޮތަށް ކަނޑައަޅާފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރަށްރަށުގެ ކައުންސިލް އިދާރާތަކާށާއި ސިއްޙީ މަރުކަޒުތަކަށް ފޮނުއްވެވި ސާކިއުލާގައި ވިދާޅުވެފައިވަނީ، މާލެ ސަރަހައްދާއި ރިސޯޓުތަކުންނާއި އަދި ގެސްޓްހައުސްތައް ހިންގާ ރަށްރަށުން އެހެން ރަށަކަށް މީހަކު ދަތުރުކުރާއިރު އެމީހާ އަކީ ކޯވިޑް ޖެހި ބަލިން ރަނގަޅުވިތާ 3 މަސް ހަމަނުވާ މީހަކު ނަމަ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓިން ވާން ޖެހޭކަމަށެވެ. މިގޮތަށް ހަމަޖެއްސިނަމަވެސް އެ މީހަކު ކަރަންޓީންގެ މުއްދަތު ހަމަވުމަށް ފަހު ކަރަންޓީން ރިލީސްވާން ޕީސީއާރް ޓެސްޓެއް ހަދާކަށް ނުޖެހެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރާ އިރު ބަލީގެ އެއްވެސް އަލާމާތެއް ހުރެއްޖެ ނަމަ ކޯވިޑް ޓެސްޓު ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިދިޔަ މެއި މަހުންފެށިގެން ކޯވިޑް ކޭސްތައް އިތުރުވެ ދުވާލެއްގެ މައްޗަށް 2000އާ ގާތްކުރާ ޢަދަދަކަށް ކޭސްތަކުގެ ޢަދަދު އަރައިގެން ދިޔައެވެ. ނަމަވެސް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު މިވަނީ ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށް ދާންފަށާފައެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ އާއި ބަލި ފެނިފައިވާ ރަށްތަކުގައި އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަހަށް ކަރަންޓިންވާ ގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ.

އެޗްޕީއޭއިން ވަނީ މިޙާލަތުގައި މާލެއިން ރަށްރަށަށް ދެވޭނީ ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށްއައުމަށްފަހު އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖޭ މީހުންގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވާ މީހުންނާއި އެފަދަ މީހުންގެ އާއިލާއިން ކޮންމެހެން ދާންޖެހޭ މީހުން ހިމެނެއެވެ. މީގެ ިއތުރުން މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުމާއި މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރިދާން ޖެހިފައިވުން ވެސް މީގެތެރޭގައި ހިމެނެއެވެ. ހަމައެއާއެކު މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށްދާންޖެހުންވެސް މާލެއިން ރަށަށް ދެވޭނެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

އެޗްޕީއޭއިންވަނީ ކޯވިޑް ފެނިގެން މޮނިޓަރިންގެ ޙާލަތްތަކުގައި އޮންނަ ރަށްރަށައްވެސް ސިއްހީ ކަންކަމުގައި ދެވޭނެ ގޮތް ހަމަޖައްސައިދީފައެވެ. ނަމަވެސް މިގޮތަށް ދަތުރުކުރެވޭނީ ޑޮކްޓަރު ނުވަތަ ހޮސްޕިޓަލްގެ ލިޔުމަކާއެކުގައެވެ.