ޚަބަރު

އެޗްއެސްސީ އިމްތިހާންގައި 1000 އަށްވުރެ ގިނަ ދަރިވަރުން


މިއަހަރުގެ އެޗްއެސްސީ އިމްތިހާން 1000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ. މިއިމްތިހާން ކުރިއަށް ދާނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ އެޗްއެސްސީ އިމްތިހާންގައި 1331 ދަރިވަރަކު ބައިވެރިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން މި އިމްތިހާންގައި ބައިވެރިވާ 878 ދަރިވަރުންނާއި އަތޮޅުތަކުން ބައިވެރވާ 453 ދަރިވަރުންނެވެ. މިފަހަރުގެ އިމްތިހާން ކުރިއަށްދާނީ މާލޭގެ 6 ސެންޓަރަކާއި އަތޮޅުތަކުގެ 33 ސެންޓަރު ހިމެނޭގޮތަށް ޖުމްލަ 39 ސެންޓަރެއްގައެވެ.

މިއހަރުގެ އެޗްއެސްސީ އިމްތިހާން ފަށާފައިވާއިރު މިއަހަރުގެ އޭޕްރީލް މެއި ގައި ބާއްވަން އުޅުނު އޭލެވެލް އިމްތިހާން ވަނީ ބައެއް މާއްދާތަކުގެ ޕޭޕަރުތައް ލީކްވުމާ ގުޅިގެން ކެންސަލްކޮށްފައެވެ. އަދި އޮކްޓޫބަރ ނޮވެމްބަރުގެ އޭލެވެލް އިމްތިހާންގައި ބައިވެރިވުމުގެ ފުރުޞަތާއި ޓީޗަރ ބޭސްޑް އެސެސްމެންޓް ހެދުމުގެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ. މި ފުރުޞަތުގެ ތެރެއިން ޓީޗަރ ބޭސްޑް އެސެސްމަންޓް 14 ސްކޫލަކުން 74 ދަރިވަރުން ވަނީ ހަދާފައެވެ. އަދި ބާކީ ތިބި 2747 ދަރިވަރުން އޮކްޓޫބަރ ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނަށްވަނީ ބަދަލުކޮށްފައެވެ.

ދަރިވަރުންނަށް ދޭ ޓީޗަރ ބޭސްޑް އިމްތިހާނުގައި ދޭ ސުވާލު ކަރުދާސްތަކަކީ އެޑެކްސަލްގެ މިންގަނޑުތަކަށް ފެތޭ ސުވާލު ކަރުދާސްތަކެއްކަމަށާއި ދަރިވަރުންނަށް ލިބޭނީވެސް އެޑެކްސަލް ގްރޭޑް ސެޓްފިކެޓްތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ ސުވާލު ކަރުދާހުން ދަރިވަރުންނަށް ލިބޭ މާކްސްއާއި މިހާރު ދަރިވަރުން ހަދާފައިވާ މޮކް އެގްޒާމްގެ މާކްސް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާގޮތަށް ހަމަޖައްސާފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭޕްރީލް މަހު ކުރިއަށްދިޔަ އޭލެވެލް އިމްތިހާނުގެ 3 ވަރަކަށް ޕޭޕަރު ވަނީ ލީކުވެފައެވެ. އޭލެވެލް އިމްތިހާނު ކުރިއަށް ނުގެންދިއުމަށް ނިންމީ އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާގުޅިގެން އިމްތިހާނާމެދު އޮތް އިތުބާރު ގެއްލިފައިވާތީއެވެ.