ދުނިޔޭގެ ވިޔަފާރި

އެމެޒޯންއިން ޖަރުމަނުވިލާތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި


ޖަރުމަނުވިލާތުގައި ހުންނަ އެމެޒޯން ކާރުޚާނާގެ މުވައްޒަފުންގެ މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް އެންމެ މަދުވެގެން 15 ޑޮލަރު މުސާރައިގެ ގޮތުގައި ދޭނެކަމަށް އެމެޒޯއިން ބުނެފިއެވެ.

އެމެރިކާގެ އީ ކޮމާރސް މަލްޓިނޭޝަނަލް ކުންފުނި އެމެޒޯންއިން މިކަން ޢިޢުލާން ކޮށްފައި މިވަނީ އެކަށީގެންވާ މުސާރަ އެއް ނުދިނުމާއި މަސައްކަތުގެ މާހައުލުގެ ފެންވަރު ދަށްކަމަށް ބުނެ 2013 ވަނަ އަހަރުން ފެށިގެން ޖަރުމަނުވިލާތުގެ މަސައްކަތްތެރިން ތަމްސީލުކުރާ ޔޫނިއަންއިން މުޒާހަރާ ކުރަމުންދަނިކޮށެވެ.

އެމެރިކާއަށްފަހު އެމެޒޯންގެ އެންމެ ބޮޑު އެއް މާކެޓެއް އޮންނަނީ ޖަރުމަނުވިލާތުގައެވެ. އަންނަ މަހު ޖަރުމަނުވިލާތުގައި ބޮޑު މުސާރަ ދޭންފަށާއިރު ބައެއް ހިސާބުތަކުގައި މިހާރު 11.30 ޔޫރޯ ދޭއިރު އަނެއްބައި ހިސާބުތަކުގައި ދެނީ 12 ޔޫރޯއެވެ.

ޖަރުމަނުވިލާތުގައި މިހާރު ދޭ އެންމެމަދު މުސާރަކަމުގައިވާ 9.50 ޔޫރޯއަށްވުރެ އެމެޒޯން ދޭ ނިންމި މުސާރަ ބޮޑުކަމުގައިވީނަމަވެސް ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ކަނޑާލާފައިވާ ބޯނަސް ނުލިބޭކަމަށް ބުނެ މުވައްޒަފުން އަދިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.

ޔޫނިއަންގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ކުންފުނިން ހޯދާ ފައިދާއަށް ބަލާއިރު މިއީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި މުވަޒަފުން ބޭނުންވާވަރަށް އަދިވެސް މުސާރަނުދެވޭ ކަމަށެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި 8.1 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައިވާ އެމެޒޯންއަށް މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމާއި މަސައްކަތު މާހައުލުގެ ފެންވަރު ދަށްވުމުގެ ސަބަބުން މުޅިދުނިޔޭގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ އިތުރުކުރާނެކަމަށް ޖަރުމާނުވިލާތުގައި ހުންނަ އެމެޒޯންގެ އޮފިޝަލަކު ބުނެފައިވާއިރު މުސްތަޤުބަލުގައި އިތުރަށް މުސާރަ ބޮޑުކުރާނެކަމަށް އެމެޒޯންއިން ނެރުނު ބަޔާނެއްގައިވެސް ވަނީ ބުނެފައެވެ.