ޚަބަރު

ޔޫރޯ 2020 : އެރިކްސަންގެ ހާލު ރަނގަޅު، ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން


ޑެންމާކް ޓީމް އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެން ޑެންމާކްއާއި ފިންލެންޑް ބައްދަލުކުރި މެޗް ހުއްޓާލައިފިއެވެ.

މެޗް ފުރަތަމަ ހާފް ނިމެންދަނިކޮށް އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެން ޑެންމާކް ޓީމްގެ ޑޮކްޓަރުން ފަރުވާދެމުންދިޔައިރު، އެޓީމްގެ ކުޅުންތެރިންގެ ލޮލުން ކަރުނަ އަންނަތަން ފެނިގެންދިޔައެވެ. އަދި ޓީމްގެ ޑޮކްޓަރުން އެރިކްސަންއަށް ސީޕީއާރް ދިންތަންވެސް ފެނިގެންދިޔައެވެ. މި ހާދިސާއާ ގުޅިގެން މެޗްވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ޔުއެފާއިން ބުނީ އެރިކްސަންގެ ހާލު ރަނގަޅުކަމަށާއި މިހާރު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުންދާކަމަށެވެ.

ނިމިދިޔަ ސީޒަންގެ ފަހުކޮޅު އިންޓަރ މިލާނުން ހޯދި ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރި 29 އަަހަރުގެ ކްރިސްޓިއަން އެރިކްސަންއަކީ އިދިކޮޅަށް ކުޅޭ ކޮންމެ ޓީމަކަށްވެސް ނުރައްކަލަކަށް ވާނެ ކުޅުންތެރިޔެކެވެ.

2010 ވަނަ އަހަރު އުމުރުން 18 އަހަރުގައި ޑެންމާކް ޤައުމީ ޓީމަށް ކުޅެން ފެށި އެރިކްސަން ވަނީ މިހާތަނަށް 108 މެޗް ކުޅެނީ 36 ލަނޑު ކާމިޔާބުކޮށްދީފައެެވެ. އޭނާއަކީ ޕެނަލްޓީ އޭރިޔާ ތެރެއާއި ބޭރުންވެސް ގޯލާ ރައްޓެހި އަދި އެއްކޮށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ.