ޚަބަރު

މާލެ ޖަލާއި މާފުށި ޖަލުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަން ނިންމާލައިފި


ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރަޢީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ޖަލުތަކުގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނުން ފެށިގެން ފުލުހުންނާއި ސިފައިން، ކަރެކްޝަންސް ގުޅިގެން ކުރިއަށްދިޔަ އޮޕަރޭޝަނުގައި މާލޭ ޖަލާއި މާފުށީ ޖަލުގައި ވަނީ ހަރަކާތްތެރިވެފައެވެ.

މިދިޔަ މަހުގެ 6 ވަނަދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ހަރުކަށި ފިކުރާއި ދެކޮޅަށް މާފުށީ ޖަލާއި މާލޭ ޖަލުގައި ހިންގާ އޮޕަރޭޝަން ފަށާފައިވަނީ ފަތިހު 5:00 ގައެވެ. އަދި މި އޮޕަރޭޝަން ނިންމާލާފައިވާނީ އިރުއޮއްސި 6:00 ޖަހަން އުޅެނިކޮށެވެ. މި އޮޕަރޭޝަންގައި ގާތްގަނޑަކަށް 300 އެއްހާ ފުލުހުންނާއި ސިފައިން ބައިވެރިވިކަމަށް މައުލޫމާތު ލިބެއެވެ.

މި އޮޕަރޭޝަންގައި ޖަލުގައި ހަމަނުޖެހުން ހިންގާ، ފުލުހުން ޓޭޒަރ ގަން ބޭނުންކުރިކަމަށް ބައެއް ފަރާތްތަކުން ވަނީ ހަބަރުތައް ފަތުރާފައެވެ. މިވާހަކަތައް ދޮގުކުރައްވާ ފުލުހުން ވިދާޅުވީ ޖަލުގައި ހިންގި އޮޕރޭޝަންގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށެވެ. އަދި ޓޭޒަަރ ގަން ބޭނުންކުރަންޖެހޭ ފަދަ ހާލަތަކަށްވެސް ނުދާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި ޖަލުގެ ހުރިހާ ގޮޅިއެއް ބަލާސް ފާސްކުރިކަމަށެވެ. އަދި ބައެއް ތަކެތި ފެނިފައިވާކަމަށްވެސް ކަރެކްޝަނުން ވިދާޅުވިއެވެ. ނަމަވެސް އެތަކެތީގެ ތަފްސީލެއް އެފަރާތުން ނުދެއްވައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން އަންނަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި އައްޑޫ ސިޓީއާއި މާލޭ ސަރަހައްދުން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

މި ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުޤީޤުގައި މިހާތަނަށް 150 އަށްވުރެ ގިނަ ފަރާތްތަކުގެ މަޢުލޫމާތު ހޯދިފަވާކަމަށާއި އަދި 25 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާފައެވެ.