ޚަބަރު

ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ


  • އޭނާ ދުއްވި ސައިކަލް ވަނީ ފެނިފައި

ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި މީހާ ގެއްލިފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:14 އެހައިކަންހާއިރުކަމަށެވެ. އަދި އޭނާ ގެއްލިގެން ރިޕޯޓްކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ގަމުން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ފުލުހުން ވިދާޅުވީ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ޒުވާނާގެ އެއްވެސް ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭގެ މެންދަމު 2:00 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ އޭނާ ހޯދުމަށް ފެށި އޮޕަރޭޝަނުގެ ތެރެއިން، އޭނާ ދުއްވި ސައިކަލު މިހާރު \ފެނިފައިވާކަމަށެވެ. އަދި އެ ސައިކަލު ފެނިފައިވަނީ ގަމުގެ ރިވެރީޒް ބީޗް ސަރަހައްދުން ކަމަށެވެ.

ފުލުހުން ވިދާޅުވީ މި ޒުވާނާ ހޯދުމުގެ މަސައްކަތް ފުލުހުންގެ ޓީމުތަކުން އެ ސަރަހައްދުގައި ކެނޑިނޭޅި ކުރަމުންދާކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އެދޭކަމަށެވެ.