ޚަބަރު

މިސްކިތްތަކުގައި އެކަށީގެންނުވާ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން: ޕޮލިސް


މިސްކިތްތައް ބޭނުން ކުރުމަށް އެކަށޭނެ ނޫން އެހެން ގޮތްގޮތަށް މިސްކިތްތައް ބޭނުންކުރާ ފަރަތްތަކާމެދު ފިޔަވަޅު އަޅަމުން އަންނަަކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން މިހެން ވިދާޅުވެފައި މިވަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުންފަދަ ކަންކަންކުރާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި އިތުރުވާން ފެށުމާއި ގުޅިގެނެވެ.

ފުލުހުން ވިދާޅުވީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ނިދައި އެއްޗެހި ދޮވެ، މިސްކިތްތަކުގެ ބޭނުން ކުުރުން އެކަށޭނަ ނޫން އެހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުންކުރާކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ކޮން މެރެއަކު މިސްކިތްތައް ބަލާ އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން އެފަދަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަތައް ތަހުޤީޤްކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކާއެކުވެސް މިމައްސަލަތައް ހިއްސާކޮށް ހައްލު ހޯދުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދުންފަދަ ހިންގަން ނުޖެހޭ އަމަލުތައް ހިންގާ ފަރާތްތައް އެކަން ހުއްޓުވުމަށް ދަތިތަކެއް ހުރިކަމަށެވެ. އެހެންނަމަވެސް ފުލުހުންނާ ގުޅިގެން އެފަދަ އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ބަލަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.