ކުޅިވަރު

ފަހެއް ސުމަކުން ބަލިވުމަކީ މާޔޫސްކަމެއް: މާޓިން ކޫޕްމަން


ފަހެއް ސުމަކުން ބަލިވި ނަމަވެސް ޓީމުގެ ކުޅުމަށް ބަލާއިރު ކުރިއެރުން ފެނުނުކަމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ. ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެއާއި ޗައިނާ ވާދަކުރި މެޗު ޗައިނާއިން ކާމިޔާބުކުރީ ފަހެއް ސުމެއްގެ ބޮޑު ތަފާތަކުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނީ ފަހެއް ސުމަކުން ބަލިވުމަކީ މާޔޫސްކަމެއްކަމަށާއި، ނަމަވެސް ޓީމުގެ ކުޅުމަށް ބަލާއިރު ހިތްހަމަޖެހޭ ކަންކަންވެސް ފެނުނުކަމަށެވެ.

ސީރިއާ މެޗަށްފަހު ކުޅުންތެރިންގެ ކުރި މަސައްކަތް މި މެޗުގައި ފެނުނުކަމަށާއި، އޭނާ ބޭނުންވާ ކުޅުން ބައެއް ވަގުތުތަކުގައި ފެނުނުކަމަށް ކޫޕްމަން ބުންޏެވެ. މިގޮތަށް ރަނގަޅު ތައްޔާރީއެއް ނެތި ކުޅޭ މެޗަކުން ބޮޑު ތަފާތަކުން ބަލިވުމަކީ ކުޅުންތެރިން ގޯސްކުރާނެކަމެއް ނޫންކަމަށާއި، މިކަމުގައި އޭނާއަށް ވަކި ބަޔަކު ގޯސް ކުރެވެން ވެސް ނެތްކަމަށް ޤައުމީ ޓީމުގެ ކޯޗު ބުންޏެވެ.
ޤައުމީ ޓީމުގެ ކޯޗު އިތުރަށް ބުނީ ކުޅުމަށް ބަލާއިރު ހިތްހަމަޖެހެޔޭ ބުނުމުން މީހުން މަލާމާތްވެސް ކޮށްފާނެކަމަށާއި، އެހެންނަމަވެސް ހަގީގަތަކީ އޭނާގެ ވިސްނުމުގައި ޓީމް މުސްތަގްބަލަށް ބައްޓަންކުރަން ވިސްނާ ކުޅުން މިހާރު މަޑު މަޑުން ފެންނަމުން އަންނަކަމަށެވެ.

"އަހަރެން މިހެން ބުނީމަ ބައެއް މީހުން ހޭންވެސް ހޭނެ. އެކަމަކު އަހަރެން ބުނަން ބޭނުންވަނީ ކުޅުން ގޯހެއް ނޫނޭ، އަހަރެން ޓީމް މުސްތަގްބަލްގައި ކުޅެން ބޭނުންވާ ގޮތުގެ ކުލަވަރުތައް މަޑުމަޑުން އެބަފެނޭ ޓީމް ތެރެއިން. އެއީ ބޮޑު ހިތްހަމަޖެހުމެއް. ދެން މިކަހަލަ ގޮތަކަށް ތާއްޔާރުވެގެން އައިސް ޗައިނާ އަތުން އަހަރުމެންނަށް މޮޅުވެވޭނެއޭ ހިތަށް އެރުވުމަކީވެސް އަހަރެން ގަބޫލުކުރާ ގޮތުގައި ކުޅުންތެރިންގެ ހިތްވަރު ހަމަ. މި ނަތީޖާގެ ސަބަބުން އަހަރެން އެއްވެސް ބަޔަކު ގޯސް ނުކުރާނަން." ޤައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުންޏެވެ.