ކުޅިވަރު

ފުރަތަމަ މެޗް ކާމިޔާބުކޮށް އިޓަލީއން ފެށުން ރަގަނޅުކޮށްފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތުރުކީ ބަލިކޮށް، އިޓަލީއިން ފެށުން ރަގަނޅުކޮށްފިއެވެ. މުބާރާތުގެ ފުރަތަމަ އިޓަލީ ކާމިޔާބުކުރީ 3 ލަނޑު 0 ލަނޑުންނެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މިމެޗް އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ މެޗްގެ ފުރަތަމަ ހާފްގައި ތުރުކީގެ ގޯލަށް ނުރައްކާތެރި ދެ ތިން ހަމަލާއެއް ފޮނުވާލާފައެވެ. އަދި ތުރުކީން ވެސް އެޓީމަށް ލިބުނު މަދު ފުރުސަތުގެ ބޭނުން ހިފައި އިޓަލީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފައިވެއެވެ. މެޗްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗްގެ ދެވަނަ ހާފްގައެވެ. މިލަނޑަކީ ތުރުކީގެ ޑިފެންޑަރު މެރިހް ޑެމައިރަލް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. މެޗްގައި އިޓަލީއަށް ލީޑް ފުޅާކޮށްދިނީ ފޮވާޑް ޗީރޯ އިމޯބިލޭއެވެ. މެޗްގެ ދެވަނަ ހާފްގައިވެސް ތުރުކީން ރަގަނޅު ހަމަލާތެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އިޓަލީގެ ގޯލް ކީޕަރު ޖިއަންލުއީޖީ ޑޮންނަރޫމާއާ ދިމާލަށް ތުރުކީ ޓީމަށް ފޮނުވާލެވިފައިވަނީ ވަރަށް މަދު ބޯޅައެކެވެ. މެޗްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިންސިގްނޭއެވެ.

މިއީ ޔޫރޯ ތާރީހުގައި އިޓަލީން އެއް މެޗެއްގައި ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ. މިހާތަނަށް ޔޫރޯގައި ތުރުކީއަށް އެޓީމް ކުޅުނު ފުރަތަމަ މެޗުން މޮޅެއް ހޯދިފައެއް ނުވެއެވެ.