ކުޅިވަރު

ދެ މެޗްގައިވެސް އެއް ނަތީޖާއަތުން ރާއްޖެ ބަލިވެއްޖެ


ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ޗައިނާ އަތުން ބަލިވުމާއި ގުޅިގެން ރާއްޖެއަށް ގޫރޫޕް އޭގެ ހަތަރުވަނަ ޔަގީންވެއްޖެއެވެ. ރޭގައި ކުޅުނު މެޗުން ރާއްޖެ ޗައިނާ އަތުން ބަލިވެފައިވަނީ 5 ލަނޑު ސުން ލަނޑުންނެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ކުޅުނު މެޗުގައިވެސް ޗައިނާއިން ވަނީ ރާއްޖެ ކޮޅަށް 5 ލަނޑު ޖަހާފައެވެ. ރޭގައި ކުޅުނު މެޗްގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ޗައިނާއިންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ރާއްޖެއަށް ޗައިނާގެ ގޯލަށް އަމާޒްކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. ސެންޓްރަލައިޒްކޮށް ޗައިނާގައި ކުރިން ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދިޔަ ގުރޫޕް އޭގެ މެޗްތައް ޗައިނާގައި ކުރިއަށް ނުގެންދެވުމުން، އެންމެ ފަހުން މެޗްތައް ވަނީ ދުބާއީއަށް ބަދަލްކޮށް، އެގައުމުގައި ސެންޓްލައިޒްކޮށް ކުޅުމަށް ނިންމާފައެވެ. މެޗްގައި ޗައިނާއިން ވަނީ މެޗް ފެށިގެން ފަސްވަނަ މިނެޓްގައި ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިންބިންއެވެ.

ސީރިޔާ މެޗަށް ވުރެއް ރަގަނޅަށް ރާއްޖެއިން ބޯޅަ ޕާސްކޮށްގެން ކުޅުނު ނަމަވެސް ރާއްޖެއަށް މާރަގަނޅު ހަމަލާއެއް ޗައިނާގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ދެވަނަ ލަނޑު މެޗްގެ 30ވަނަ މިނެޓްގައި ޗައިނާއަށް ޖަހައިދިނީ ކީޕަރު މުހައްމަދު ފައިސަލް ނައްޓާލުމަށްފަހު ޗައިނާގެ ލެއިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ޗައިނާއިން ދެ ގޯލް ޖެހި ނަމަވެސް، ފުރަތަމަ ހާފްގެ ފަހުކޮޅުގައި ޗައިނާއިން ފޮނުވާލި ދެ ހަމަލާއެއް ވަނީ ކީޕަރު ފައިސަލް ދިފާއުކޮށްފައެވެ. މެޗްގެ ދެވަނަ ހާފްގައި ހަމްޒާ މުހައްމަދު އާއި އިބްރާހިމް މަހުދީ އަށް ލިބުނު ފުރުސަތުގެ ބޭނުން ރާއްޖޭގެ ކުޅުންތެރިންނަށް ހިފިފައިނުވާއިރު، ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ޗައިނާއިން ވަނީ ވަރަށް ގާތްގާތުގައި ދެ ގޯލް ޖަހާފައެވެ. މިދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެލާން އާއި ޒޭންއެވެ. ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން ސީރިޔާ މެޗްގައި ނުކުޅެވުނު އަލީ އަޝްފާގްވަނީ މިމެޗްގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ. ޗައިނާއިން ޖެހި 5ވަނަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ 80ވަނަ މިނެޓްގައި ޓޭން ލޯންގްއެވެ.

ކޮލިފައިން ގްރޫޕުގެ އެއްވަނައިގައި ސީރިއާ އޮތީ 7 މެޗުން މޮޅުވެ ލިބިފައިވާ 21 ޕޮއިންޓާއެކުއެވެ. ޗައިނާ އަށް 7 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ފިލިޕީންސް 3 ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިގެންނެވެ. ގުރޫޕް އޭގެ ތާވަލްގެ 4ވަނައިގައި ރާއްޖެ ކުޅުނު 7 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. މިގުރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމެވެ.

ރާއްޖެ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގައި އޮވެ ނިންމާލުމުން އޭޝިއަން ކަޕަށް ކޮލިފައިވާން ކުޅެން ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ޕްލޭއޮފް ބުރުގައެވެ. އެ ޕްލޭއޮފްގައި ދަށް ރޭންކްގެ ޓީމަކާ ދެކޮޅަށް ކުޅެގެން މޮޅުވެއްޖެނަމަ ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިއަނަން އަންގާރަ ދުވަހު ނިކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.