ތަޢުލީމު

މިއަހަރުގެ އޯލެވެލް އިމްތިހާނު ކާމިޔާބުކަމާއެކު ނިންމާލައިފި


5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ކުރިއަށްގެންދިޔަ މިއަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ނިންމާލައިފިއެވެ. މެއި ޖޫންގެ އޯލެވެލް އިމްތިހާން ކުރިއަށްގެންގޮސްފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުއެވެ.

މެއި 2 އިން ޖޫން 11 އަށް ކުރިއަށްދިޔަ މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 5955 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ސްކޫލްތަކުން 2196 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 3759 ދަރިވަރުންނެވެ. މީގެތެރޭގައި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާ 225 ދަރިވަރުންވެސް ހިމެނެއެވެ. އޯލެވެލް އިމްތިޙާނު މިފަހަރު ކުރިޔަށްގެންގޮސްފައިވަނީ މާލޭގެ 22 ސެންޓަރަކާއި، އަތޮޅުތަކުގެ 213 ސެންޓަރެއްގައެވެ.

ކޯވިޑް-19ގެ މި ދަތި ވަގުތުގައި އާދަޔާ ޚިލާފު ހިތްވަރެއް ދެއްކި ދަރިވަރުންގެ ހިތްވަރާއި ކެތްތެރިކަމާއި ނުގުޑާފަދަ ޢަޒުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައްސަރިބަހާ ސާބަސް ދަންނަވާފައެވެ. އަދި ބެލެނިވެރިންނާއި ދަރިވަރުންގެ ޢާއިލާތަކުން ދެއްކެވި ކެތްތެރިކަމާއި ސާބިތުކަމާއި ހިތްވަރަށް މިނިސްޓްރީން ވަނީ ތަޢުރީރުކޮށްފައެވެ. މި އިމްތިޙާނުގެ ކަންކަން އިންތިޒާމުކޮށް ތަންފީޒު ކުރުމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ މުވައްޒަފުން ވެވަޑައިގެންނެވި ޤުރުބާނީ ފާހަގަކޮށް ޑީ.ޕީ.އީގެ މުވައްޒަފުންނަށްވެސް މިނިސްޓްރީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިފަހަރުގެ އޯލެވްލް އިމްތިހާނު ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ޕޮލިސް ސާރވިސް، ރަށްރަށުގެ ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް، ރަށްރަށުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އިމްތިޙާނުތަކާ ގުޅިގެން ކުރަން ޖެހުނު ދަތުރުތައްކުރުމުގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން މިނިސްޓްރީއަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަމަށެވެ.

އެކެޑެމިކް ކަލަންޑަރަށް ގެނެވުނު ބަދަލުތަކާއެކު މިއަހަރުގެ އޯލެވްލް އިމްތިޙާނު އެންމެ ފުރަތަމަ ފެށުމަށް ނިންމާފައި އޮތީ އޭޕްރީލް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އިމްތިޙާނުގެ ޓޭބަލް ބަދަލުކޮށް އިމްތިހާނު ފަށާފައިވަނީ މެއިމަހުގެ 2 ވަނަ ދުވަހުއެވެ. ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ އެސް.އެސް.ސީ އިމްތިޙާނެވެ. އެގޮތުން ފުރަތަމަ އޮތީ އިސްލާމް މާއްދާއެވެ. އަދި ދެން ހުރި މާއްދާތަކުގެ އިމްތިހާނު ފަށާފައިވަނީ މިމަހުގެ 4 ގައެވެ. މި އިމްތިޙާނަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަށް ތާވަލްކުރި ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނެވެ.

ކޯވިޑްގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިއާއެކު އިމްތިހާންތައް ބާއްވާ ދުވަސްވަރުތަކަށްވެސް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައެވެ.