ޚަބަރު

ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްޞަ ގުރޫޕް ކައުންސެލިންގ


ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ގުރޫޕް ކައުންސެލިންގ ސެޝަންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ ފަށާ މި ގުރޫޕް ކައުންސެލިންގ ސެޝަންތަކުގެ މަޤްޞަދަކީ ދިގުމުއްދަތަށް ފާޓިލިޓީ ޓްރީޓްމަންޓް ނަގަމުންދާ ފަރާތްތަކަށް ނަފްސާނީ ގޮތުން ދިމާވާ ކަންކަމަށް އެހީތެރިކަން ފޯރުވާދީ، އެންޒައިޓީ އާއި ސްޓްރެސް މެނޭޖްކުރުމަށް ދަސްކޮށްދިނުން ކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން މަޢުލޫމާތުދެއެވެ.

މި ސެޝަންތަކާ ގުޅޭގޮތުން ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ކޯފައުންޑަރ ހައްވާ އިހުސާނާ ވިދާޅުވީ، ފާޓިލިޓީ ޓްރީޓްމަންޓްތަކަކީ ބައެއް ފަހަރު ވަރަށް ދިގުލައިގެން ދާ ޓްރީޓްމަންޓްތަކެއްކަމަށެވެ. އަދި މީގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަމަށާއި، މިފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ޖަމިއްޔާގެ އަމާޒެއްކަމަށެވެ. އިހުސާނާ ވިދާޅުވީ، ނަފްސާނީ ގޮތުން ޕްރޮފެޝަނަލް ފަރާތެއްގެ އެހީތެރިކަން ލިބުމަކީ މީހާއަށް ލިބޭ ބޮޑު ލުޔެއްކަމަށެވެ.

"ބައެއް ފަހަރަށް މިއީ އޭނާގެ ޓްރީޓްމަންޓް ކާމިޔާބު ވުމަށްވެސް މަގުފަހިވާ ކަމެއް. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ކުރިއަށް ގެންދާ ގުރޫޕް ކައުންސެލިންގ ސެޝަންތައް ނަންގަވާ ދެއްވާނީ އެކްސްކޯ މެންބަރެއް ކަމުގައިވާ ލުބުނާ އަލީ. އެއީ މާސްޓާރސް އޮފް ޕްރޮފެޝަނަލް ކައުންސިލިންގ ފުރިހަމަކޮށްފައިވާ ފަރާތެއް. އަޅުގަނޑުމެންގެ މެންބަރުންނަށް އަމާޒުކޮށްގެން ހިންގާ މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ގަސްދުކުރަނީ 3 މަހަށް ބަހާލައިގެން، ކޮންމެ މަހަކު ދެ ސެޝަން ގޮތުގައި" އިހުސާނާ ވިދާޅުވިއެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ މި ގުރޫޕް ކައުންސެލިންގ ސެޝަންތަކުގައި މެންބަރުން އަތުން އެއްވެސް ފީ އެއް ނުނަގާ ހިލޭ ބައިވެރިވޭނެއެވެ. އަދި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މެންބަރޝިޕް ފޯމް ފުރިހަމަ ކުރުމުން މި ސެޝަންތަކުގައި ބައިވެރިވެވޭނެ ކަމުގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން މައުލޫމާތުދެއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގާ އަދި ދަރިމައިވުމުގައި އުނދަގޫތައް ތަހައްމަލު ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ސަޕޯޓް ގުރޫޕް ހިންގުމާއެކު، ދަރިމައިވުމަށް އުނދަގޫވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަމެއް އަންނަ ހިނދު އެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކޮށްދީ ބޭނުންވާ އެހީތެރިކަން ހޯދާދިނުމުގެގޮތުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ.

ޏބވ

ތިގުރޫޕައް ޖުއިން ވަނީ ކިހިނެއް