ވިޔަފާރި

ކޯވިޑް-19 : ރިސޯޓުތަކުގެ %69 މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %69 މުވައްޒަފުން ކޯވިޑް-19ހެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ޓޫރިޒަމް އަޕްޑޭޓް ރިޕޯޓްގައިވާގޮތުން މިމަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %69 މުވައްޒަފުން ވަނީ މަހުގެ 8ވަނަ ދުވަހުގެ ނިިޔަލަށް، ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ. އަދި %96 މުވައްޒަފުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށްވުމުން ވެކްސިން ޕްރޮގްރާމް ފެށުމާއެކު ޚާއްސަ ސަމާލުކަމެއް ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ދީފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފެށިތާ، 3 ދުވަހުގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދޭންވަނީ ފަށާފައެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފެށީ، މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ރާއްޖެ ހެދުމަށް "އައިއޭމް ވެކްސިނޭޓެޑް" ނުވަތަ "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި ކެމްޕެއިނެއްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށާފައެެވެ.

މި ކެމްޕެއިނަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފަށާފައިވާ ކެމްޕެއިނެކެވެ. މިިިކެެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.